ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރައްވާ ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
ހުކުރު ދުވަހު އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤްގެ ދައުވަތަކަށެވެ. އެފްއޭއެމްއިން ބުނީ މި ދަތުރުގައި ފީފާގެ ރައީސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ބައްދަލުކުރައްވާ ރާއްޖޭގެ ފުޓްބޯޅައިގެ ތަރައްޤީއާއި ގުޅޭ މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާނެކަމަށެވެ. މީގެ އިތުރުން ހުކުރު ދުވަހު ހަވީރު 16:00 ން 18:00 އާއި ހަމައަށް ގަލޮޅު ދަނޑުގައި ބާއްވާ ހަރަކާތެއްގައި ރައީސް ޑރ. މުޢިއްޒު އާއި ފީފާގެ ރައީސް އިންފަންޓީނޯ ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ފުޓުބޯޅަ މެޗުގައި ރާއްޖޭގެ އެކަޑަމީތަކާއި ޒުވާން ޓީމުތަކުގެ ކުޅުންތެރިންގެ ފުޓުބޯޅައިގެ ހުނަރުތައް ދައްކާލާނެ ކަމަށާއި، ފުޓުބޯޅައަށް ރާއްޖޭގެ ހަނގު އުމުރުފުރާގެ ކުދިންގެ މެދުގައި އޮންނަ ޝައުގުވެރިކަން އެ މެޗުން ފެނިގެންދާނެ ކަމަށްވެސް އެފްއޭއެމްއިން ބުނެއެވެ.
އިންފަންޓީނޯ އެއްދުވަހަށް ރާއްޖެއަށް ކުރައްވާ މި ޒިޔާރަތަކީ ރާއްޖޭގެ ފުޓްބޯޅަ ދިރުވައި، ކުރިންއޮތް ފޯރި އަލުން ގެނައުމަށް އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ދެއްވުމަށް ކުރައްވާ ޒިޔާރަތެކެވެ. އިންފަންޓީނޯގެ މި ދަތުރާއި ދިމާކޮށް ޚާއްސަ އިވެންޓުތަކެއްވެސް ވަނީ ރޭވިފައެވެ. މީގެ އިތުރުން ފުޓުބޯޅައިގެ ތަޖުރިބާކާރުންނާއި ކުލަބްތާކާ އަދި މިނޫނަސް ފުޓުބޯޅައާއި ގުޅުންހުރި ފަރާތްތަކާއި އިންފަންޓީނޯ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދާދި ފަހުން އެފްއޭއެމްގެ ރައީސް ވަނީ ސްވިޒަލެންޑުގެ ޒިއުރިކުގައި ހުންނަ ފީފާގެ އޮފީހުގައި އިންފަންޓީނޯއާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމަށް ފަހު އިންފަންޓީނޯ ވަނީ ޠާރިޤުގެ މަސައްކަތަށް ތައުރީފުކުރައްވައިފައެވެ. އަދި ސައުތު އޭޝިއަން ސުޕަކަޕްގައި ސްރީ ލަންކާ ބަލިކޮށް ރާއްޖޭން ހޯދި ކާމިޔާބީ ފާހަގަ ކުރައްވާ އެފްއޭއެމްގެ އައި ހިންގާ ކޮމިޓީން އަލުން ފުޓްބޯޅަ ދިރުވާއާލާކޮށް ކުރީޣެ ރޫހު ގެނައުމަށް ކުރައްވާ މަސައްކަތަށް އެފްއޭއެމްގެ ރައީސްއަށް އޭނާ ވަނީ ތައުރީފު ކުރައްވާފައެވެ. އެގޮތުން އަތޮޅޫތެރޭޣެ ފުޓްބޯޅައިގެ ވާދަވެރިކަމާއި ހުނަރުވެރި ޒުވާން ކުޅުންތެރިން އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް ރާއްޖޭޣެ ފުޓްބޯޅައަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް އެފްއޭއެމުން ކުރާ މަސައްކަތްތަކާމެދު އުފާކުރައްވާ ކަމަށް އިންފަންޓީނީ ވަނީ ވިދާޅުވެފައެވެ.
މިއީ ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ފީފާގެ ރައީސްކަމުގައި ހުންނެވި ސެޕް ބްލެޓާ ވަނީ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެއްގެ ތެރެއިން 2006 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތެއް ކުރައްވާފައެވެ.