ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އަލުން ފުރުޞަތު ހުޅުވާލައްވައިފި


  • މަޤާމަށް ކުރިމަތިލުމުގެ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ލިބޭނެ

  • 6 ނޮވެންބަރުވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ހުށަހެޅޭނެ

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް މީގެކުރިން ކުރެއްވި އިޢުލާން ބާޠިލުކުރައްވައި، އަލުން މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 5 މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި، މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން 6 ނޮވެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް މިހާރު އަލުން ހުޅުވާލައްވާފައިވާކަމަށެވެ.

މެންބަރުކަމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ކަނޑައެޅިފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމާ ގުޅޭ ފޯމުތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްނެގުމާ ބެހޭ އިދާރީ ޤާނޫނުގެ ދަށުން ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް އުފައްދާފައިވާ އިދާރާއެކެވެ.