ޚަބަރު

އައްޑޫ ވޯޓު: 9 ޖެހުމާއި ހަމައަށް 320 މީހުން ވޯޓުލާފައިވޭ


  • ވޯޓުލުމުގެ ހައްގު ލިބިފައިވާ 9256 މީހުން އެބަތިބި

  • ޖުމްލަ 18 ވޯޓު ފޮށިވަނީ ބަހައްޓާފައި

އައްޑޫ ސިޓީގެ 3 ރަށެއްގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓުގައި 9 ޖެހުމާއި ހަމައަށް 320 މީހަކު ވޯޓު ލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ވޯޓު ލުމުގެ ހައްގު ލިބިފައިވާ 9256 މީހުން އެތިން ރަށުގައި ތިބިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އައްޑޫ ސިޓީ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާވޯޓުގެ، ވޯޓުލުން ހެނދުނު 8 ޖެހިއިރު ފެށުނީ ހަމައެކަނި ފޭދޫގައެވެ. އިންތިޚާބުތަކުގައި ވޯޓުލުން ފެށުމަށް ހަމަވާންޖެހޭ ޢަދަދަށް މީހުން ވޯޓުލާ ،ަރުކަޒުގައި ނެތުމާއި ގުޅިގެން ވޯޓު ލާން ފެށުމުގައި ލަސްތަކެއް އައިސްނަމަވެސް 9 ޖެހުމާއި ހަމައަށް ހުރިހާ ވޯޓު ފޮއްޓެއްގައި ވޯޓުލުންވަނީ ފެށިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިއިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 9256 މީހުންގެ ތެރެއިން 9 ޖެހުމާއިހަމައަށް 320 މީހަކު ވޯޓުލާފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 108 އަންހެނުންނާއި 212 ފިރިހެނުންނެވެ.

މިއިންތިޚާބުގައި އައްޑޫގެ ފޭދޫގެ އިތުރުން ހުޅުދޫ އަދި މީދޫގައި ވޯޓު ފޮށި ބަހައްޓާފައިވާއިރު، މާލޭގައި ދިރިއުޅޭ އެރަށްތަކުގެ މީހުން ވޯޓުލުމަށް، ކަލާފާން ސްކޫލްގައިވަނީ 7 ވޯޓު ފޮށި ބަހައްޓާފައެވެ. އެގޮތުން މިއިންތިޚާބުގައި ޖުމްލަ 18 ވޯޓު ފޮށިވަނީ ބަހައްޓާފައެވެ.

ވޯޓުލުން މިއަދު ހަވީރު 4 ޖެހުމާއި ހަމައަށް ކުރިއަށްގެންދާނެކަމަށް އިލެކްޝަންސްއިން ވިދާޅުވެއެވެ. ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނިޓުގެ ތެރޭގައި ވޯޓު ގުނުމުގެ މަސައްކަތް ފެށިގެންދާނެއެވެ. އަދި އެމަރުކަޒެއްގެ ވަގުތީ ނަތީޖާ އެމަރުކަޒެއްގައި ޢިއުލާނުކުރާނެކަމަށާއި، ދާއިމީ ނަތީޖާ ޢިއުލާންކުރުމަށް ހަމަޖެހިފައިވަނީ މާދަމާކަމަށް އިލެކްޝަނުން ވިދާޅުވެއެވެ.

އައްޑޫ ސިޓީގެ 3 ރަށެއްގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ހުށަހަޅުއްވާފައިވާ ސުވާލާ ގުޅިގެން އެ މީހަކަށް ފެންނަ ގޮތެއް ހާމަ ކުރުމަށް ނަގާ މިވޯޓަކީ، އައްޑޫގެ ފޭދޫ އާއި ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލެއް އޮތުމާ ގުޅޭގޮތުން ނަގާ ވޯޓެކެވެ.