ޚަބަރު

ޝޯޓްކޯސް 100 މީޓަރާއި 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް ލޫޠު އައުކޮށްފި


  • ލޫޠު ރެކޯޑު އަައު ކުރީ 01:09.44 އިން ރޭސް ފުރިހަމަކޮށްގެން

  • މިއިވެންޓުގެ ޤައުމީ ރެކޯޑު ކުރިން އައު ކޮށްފައިވަނީ އިޒްޔާން

ފިރިހެނުންގެ ޝޯޓްކޯސް 100 މީޓަރާއި، 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ލޫޠު މުޙައްމަދު ޙުސައިން އައު ކޮށްފިއެވެ.

ލޫޠު ފިރިހެނުންގެ ޝޯޓްކޯސް 100 މީޓަރުގެ ރެކޯޑު އައު ކޮށްފައިވަނީ ތައިލޭންޑުގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް ޝޯރޓްކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ބެންގްކޮކް 2025 ގައި ވާދަކޮށް، 01:09.44 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މިއިވެންޓުގެ 100 މީޓަރުގެ ޤައުމީ ރެކޯޑު އެންމެފަހުން އައު ކޮށްފައިވަނީ އިޒްޔާން ނާޒިމެވެ. އެއީ މި މުބާރާތުގެ 2024 ވަނަ އަހަރުގެ އެޑިޝަންގައި 01:12.85 އިން އިވެންޓު ނިންމައިގެންނެވެ.

ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑްވެސް ލޫޠު މުޙައްމަދު ޙުސައިން ވަނީ އައު ކޮށްފައެވެ. ލޫޠު މި ރެކޯޑު އާކޮށްފައިވަނީ 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ފުރަތަމަ 50 މީޓަރު 00:31.95 އިން ފުރިހަމަކޮށްގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ މީގެ 13 އަހަރު ކުރިން، 2012 ވަނަ އަހަރު ބޭއްވި 11 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި ޙަސަން އަޝްރަފެވެ. އަޝްރަފް އިވެންޓު ނިންމާފައިވަނީ 00:32.95 އިންނެވެ.

ލޫތަކީ ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގެ ތަޖްރިބާހުރި ރާއްޖޭގެ އުންމީދީ ފެތުންތެރިއެކެވެ.

މިހާރު ބްޙްރެއިންގައި ކުރިޔަށްދާ 3 ވަނަ އޭޝިއަން ޔޫތް ގޭމްސްގައިވެސް ލޫތް ރާއްޖެ ތަމްސީލުކުރާނެއެވެ. މި މުބާރާތުން ރެކޯޑްތައް އައު ކުރުމަކީ އުންމީދެއް ކަމަށް ލޫތް ބުނެއެވެ.