ދިވެހިރާއްޖޭގެ ސްކައުޓު އެސޯސިއޭޝަންގެ ކުރީގެ ޗީފް ކޮމިޝަނަރ އަޙްމަދު އަލި މަނިކަށް އޭޝިޔާ ސްޕެސިފިކް ސަރަހައްދުގައި ސްކައުޓް ޚިދުމަތްތެރިންނަށް ދޭ އެންމެ ޝަރަފުވެރި އެވޯޑު ލިބިއްޖެއެވެ.
އަޙްމަދު އަލި މަނިކަށް ލިބިފައިވަނީ "އޭޝިއާ ޕެސިފިކް ރީޖަން އެވޯޑް ފޯރ ޑިސްޓިންގްވިޝްޑް ސަރވިސް ޓު އިންޓަރނޭޝަނަލް ސްކައުޓިންގް"އެވެ. މި އެވޯޑަކީ ސްކައުޓް ހަރަކާތުގެ އޭޝިއާ ފެސިފިކް ރީޖަންއަށް ސަރަހައްދީ ގޮތުން އެކި ޙިދުމަތްކޮށްދެއްވާފައިވާ މީހުންނަށް ދޭ އެވޯޑުތަކުގެ ތެރެއިން އެންމެ މަތީ އެވޯޑެވެ.
މި އެވޯޑު އަރުވާފައިވަނީ މި މަހުގެ 12އިން 17އަށް ޓައިވާނުގެ ކައުޝިންގްގައި ކުރިއަށްދިޔަ 28 ވަނަ އޭޝިއާ ޕެސިފިކް ސްކައުޓު ކޮންފަރެންސްގެ ނިންމާލުމުގެ ރަސްމިއްޔާތުގައެވެ.
ޢަހްމަދު އަލި މަނިކަކީ ދިވެހިރާއްޖޭގެ ސްކައުޓު ހަރަކާތަށް 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ އެ ސޯސިއޭޝަންގެ މުހިންމު މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ސްކައުޓު އެސޯސިއޭޝަނުގެ ޤައުމީ ސްކައުޓު ކައުންސިލުގެ އެކި މަޤާމުތައް އަދާކުރައްވާފައިވެއެވެ.
ޢަލި މަނިކުގެ ޗީފް ކޮމިޝަނަރކަމުގައި ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގެ ކާމިޔާބީތައް ސްކައުޓް ދާއިރާއަށް ލިބިފައިވެއެވެ. އެގޮތުން ސްކައުޓުން ތިމާވެއްޓަށް ކޮށްދެމުންދާ ޙިދުމަތްތަކަށް ފެހި ފަތް އެވޯޑު ރާއްޖޭގެ ސްކައުޓު ޖަމިއްޔާއަށް ލިބިފައިވެއެވެ.
ޢަލި މަނިކަށް ވަނީ ރާއްޖޭގައި ސްކައުޓު ހަރަކާތަށް ކޮށްދެއްވާފައިވާ އަގުހުރި ޙިދުމަތްތަކަަަށް މި ދާއިރާއިން ރާއްޖޭގައި ދޭ އެންމެ ޝަރަފުވެރި އެވޯޑުކަމުގައިވާ ސިލްވަރ ޓޫނާ އެވޯޑު ދީފައެވެ. ޢަލި މަނިކު ވަނީ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމެޓީގެ މެންބަރުކަމުގެ އިތުރުން، އޭޝިއާ ޕެސިފިކް ރީޖަނަލް މެނޭޖްމަންޓް ސަބް-ކޮމެޓީގެ ވައިސް ޗެއަރ ޕަރސަންގެ މަޤާމާއި އޭޝިއާ ޕެސިފިކް ރީޖަންގެ އެވޯޑްސް ކޮމެޓީގެ މެންބަރުކަންވެސް ކުރައްވާފައެވެ.