ޚަބަރު

ކްލަބް މޯލްޑިވްސް ކަޕް: ސައްތައިން ސައްތަ ރިކޯޑަކާއެކު ޗެމްޕިއަންކަން އާރްއާރްސީއަށް


  • ފައިނަލުގައި އެސްޓީއޯ އަތުން އާރްއާރްސީ މޮޅުވީ 7-5 ގެ ނަތީޖާއަކުން

  • މިއީ އާރްއާރްސީން ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކުރި ދެވަނަ ފަހަރު

ކްލަބް މޯލްޑިވްސް ކަޕް 2025 ގެ ޗެމްޕިއަންކަން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) އިން ހޯދައިފިއެވެ. އެ ޓީމުން ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ފައިނަލް މެޗުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އެސްޓީއޯ ރެކްރިއޭޝަން ކުލަބު އަތުން 7-5 ނަތީޖާއަކުންނެވެ.

މި މޮޅާއެކު އާރްއާރްސީން ކްލަބް މޯލްޑިވްސް ކަޕުގެ ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމު ވަނީ މިދިޔަ ދެ އަހަރުގެ ފައިނަލުން ބަލިވެފައެވެ. އެ ގޮތުން ދެ އަހަރުގެ ފައިނަލުގައި ވެމްކޯ އަތުން އާރްއާރްސީއަށް ނާކާމިޔާބުވިއިރު، މި ފަހަރުގެ މުބާރާތް އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

މިއީ އާރްއާރްސީން ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އެގޮތުން އާރްއާރްސީން މީގެ ކުރިން މި މުބާރާތް ކާމިޔާބުކުރީ 2021 ވަނަ އަހަރުއެވެ. މީގެ އިތުރުން އާރްއާރްސީން ވަނީ ކްލަބް މޯލްޑިވްސްއިން މި އަހަރު ބޭއްވި ކިންގްސް ކަޕުގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އާރްއާރްސީންނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޝާމިސްއެވެ. އެކަމަކު އޭގެ ފަހުން އާރްއާރްސީގެ ޝަނާން ރަޝާދަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ އަށިގަނޑުގައި ދަނޑުން ބާލާފައެވެ.

އެކަމަކު ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޝާމިސް ވަނީ އިތުރު ލަނޑެއް ޖަހައި، އާރްއާރްސީގެ ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އަލީ ޚޮދަދާދީ ވަނީ ލަނޑެއް ޖަހައި، އެސްޓީއޯއަށް ފަރަގު ކުޑަކޮށްދީފައެވެ.

މި މެޗުގައި އާރްއާރްސީން އަލުން ލީޑު ފުޅާކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޮހްސެން މޮންތަޒޭމީއެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން އިސްމާޢީލް އީސަ ވަނީ އެސްޓީއޯއަށް އަނެއްކާވެސް ފަރަގު ކުޑަކޮށްދީފައެވެ.

މި މެޗުގައި އާރްއާރްސީން އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފުގެ އަށްވަނަ މިނެޓުގައެވެ. މި ލަނޑަކީ އެސްޓީއޯގެ ގޯލްކީޕަރު މުޙައްމަދު ޒުހަލް ހެދި ގޯހަކުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ދެވަނަ ހާފުގެ 13 ވަނަ މިނެޓުގައި އަޙްމަދު އަފްލާޒް ވަނީ އާރްއާރްސީގެ ފަސްވަނަ ލަނޑު ޖަހައިދީފައެވެ.

އޭގެ ފަހުން މި މެޗުގައި ފަރަގު ކުޑަކުރަން އެސްޓީއޯއަށް ދުރު ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ އިސްމާޢީލް އީސަ ފޮނުވާލި ޕެނަލްޓީ އާރްއާރްސީގެ ގޯލްކީޕަރު މުޙައްމަދު ލުފްޝާން ވަނީ ދިފާއުކޮށްފައެވެ. އެއާއެކު މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އާރްއާރްސީން ވަނީ އެ ޓިމުގެ ހަވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަފްލާޒެވެ.

މި މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އާދަމް ނާސިހު އާރްއާރްސީގެ ހަތްވަނަ ލަނޑު ޖަހައިދިން ނަމަވެސް، އޭގެ މިނެޓެއް ފަހުން އިސްމާޢީލް އީސަ ވަނީ އެސްޓީއޯގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އެސްޓީއޯއަށް އިތުރު ދުރު ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ މުޙައްމަދު އިމްރާން ފޮނުވާލި ޕެނަލްޓީ އާރްއާރްސީގެ ކީޕަރު ލުފްޝާން ވަނީ ދިފާއުކޮށްފައެވެ. އެކަމަކު ފަހު ވަގުތު ކޮޅުގެ ތެރޭގައި އެސްޓީއޯއިން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްމާޢީލް އީސަ އާއި އިމްރާންއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އާރްއާރްސީގެ ބިދޭސީ ކުޅުންތެރިޔާ މޮހްސެންއެވެ.
އެންމެ މޮޅު ފަސް ފަނޑިޔާރުންނަކީ ރެފުރީ އަލީ ފާއިޒް އާއި، ރެފުރީ އަޙްމަދު މުނީޒް އާއި، ރެފުރީ އަޙްމަދު ހަސަން އާއި، ރެފުރީ އަލީ ފަހުމީ އަދި ރެފުރީ މުޙައްމަދު އަމީންއެވެ. މީގެ ތެރެއިން އިސް ފަނޑިޔާރަކަށް ހޮވިފައިވަނީ ރެފުރީ އަލީ ފަހުމީއެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންނަކީ އާރްއާރްސީގެ އާދަމް ނާސިހާއި، މުޙައްމަދު ޝަނާންއެވެ. މި ދެ ކުޅުންތެރިން ވަނީ މުބާރާތުގައި 9 ލަނޑު ޖަހާފައެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ މޯލްޑިވިއަންގެ މުޙައްމަދު އަބްދުﷲ އެވެ.

މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިޔަކަށް މޯލްޑިވިއަންގެ އިބްރާހީމް ނަދާދު ހޮވުނުއިރު، ފެއާޕްލޭ ޓީމަކަށް ހޮވުނީ މޯލްޑިވިއަންއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗު (މާސްޓަރ އޮފް ފުޓްސަލް) ގެ މަގާމު ހޯދީ އާރްއާރްސީގެ ކޯޗު އިސްމާޢީލް ޝަރީފެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އެސްޓީއޯގެ އަލީ ހައިޝަމް އާއި، އަލީ ޚޮދަދާދީގެ އިތުރުން އާރްއާރްސީ އަޙްމަދު އަފްލާޒް އާއި، އިބްރާހީމް އަސްވަދު އަދި ގޯލްކީޕަރު ލުފްޝާންއެވެ. މީގެ ތެރެއިން ކިންގް އޮފް ފުޓްސަލްގެ މަގާމު ހޯދީ އާރްއާރްސީގެ އަޙްމަދު އަފްލާޒެވެ.

މިއާއެކު މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕުގެ ކުޅުން ނިމިގެންދިޔައިރު، ދެން އޮންނާނީ ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަނުގެ ފަހު މުބާރާތް ކަމަށްވާ ސެކްޓަރ ލީގެވެ. އެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.