ޚަބަރު

ފަހު ވަގުތު ބުރު ސްޕޯޓްސް ބަލިކޮށް އޮޑި ސްޕޯޓްސް ދެވަނައަށް


  • ބުރު ސްޕޯޓްސް އަތުން އޮޑި ސްޕޯޓްސް މޮޅުވީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން

  • ތާވަލުގެ ދެވަނައަށް އޮޑި ސްޕޯޓްސް ޖެހިލީ ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކު

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ފަހު ވަގުތު ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް، ތާވަލުގެ ދެވަނައަށް އޮޑި ސްޕޯޓްސް ކުލަބު ޖެހިލައިފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު އޮޑި ސްޕޯޓްސްއިން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

މި މޮޅާއެކު ތާވަލުގެ ދެވަނައަށް އޮޑި ސްޕޯޓްސް ޖެހިލީ ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކުއެވެ. އަދި މެޗުން ބަލިވި ބުރު ސްޕޯޓްސް އޮތީ ތާވަލުގެ ހަތަރުވަނައިގައި ކުޅުނު ފަސް މެޗުން ލިބުނު 7 ޕޮއިންޓާއެކުއެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ދެ ޓީމަށްވެސް މި މެޗުގައި މާ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. މި މެޗުގެ 33 ވަނަ މިނެޓުގައި އަރިމަތިން ބުރު ސްޕޯޓްސްގެ އަރީން ޢަބްދުﷲ އިބްރާހީމް ނަގައިދިން ހުރަހަކުން އެ ޓީމުގެ ބިދޭސީ ފޯވާޑް ހަޑްސަން ޑިއާސް ޑެ ޖޭސޫސް ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.

އޭގެ ތިން މިނެޓު ފަހުން ބުރު ސްޕޯޓްސްއިން ވަނީ މި މެޗުގައި ލީޑު ނަގާފައެވެ. އިބްރާހީމް އުސާމާ ހަސަން މަޖީދު ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް މުޙައްމަދު ނާއިމެވެ.

މި މެޗުގެ ދެވަނަ ހާފުގައި އޮޑި ސްޕޯޓްސްއިން ކުޅުން ރަނގަޅުކޮށް ނަތީޖާ އެއްވަރުކޮށްފައިވަނީ، ހާފު ފަށައިގެން ތިންވަނަ މިނެޓުގައެވެ. ފުލްބެކް އަޙްމަދު އައިހަމް ނަގައިދިން ކޯނަރަކުން ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޢަބްދުﷲ ލޫތު އިބްރާހީމެވެ. އަދި މި މެޗުގެ ފަހު މިނެޓުގައި އޮޑި ސްޕޯޓްސްއިން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އަހުޒަމް ރަޝީދުގެ އެސިސްޓަކާއެކު އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ މުޒްދާން ހަސަންއެވެ.

މި މެޗުން ފަހު ވަގުތު އޮޑި ސްޕޯޓްސް މޮޅުވިއިރު، ލީގުގައި އަދި މިހާތަނަށް އެ ޓީމު މެޗަކުން ބަލިވެފައެއް ނުވެއެވެ. އެގޮތުން މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފައިވާއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.