ޚަބަރު

އެއަރ އަސްތާނާވެސް ވީއައިއޭގެ ޓަރމިނަލް 1އަށް


  • އެއަރ އަސްތާނާގެ ޗެކިން ކައުންޓަރުތައް ވަނީ ހުޅުވާފައި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރ ޓާމިނަލް ޓާމިނަލް 1 އިން ކަޒަކްސްޓާންގެ ޤައުމީ އެއަރލައިން، އެއަރ އަސްތާނާއަށް ޚިދުމަތް ދޭން ފަށައިފިއެވެ.

ޓާމިނަލް 1 އިން ކަޒަކްސްޓާންގެ ޤައުމީ އެއަރލައިން އެއަރ އަސްތާނާއަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެއަރ އަސްތާނާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ވަނީ ހަދިޔާދީފައެވެ.

ޓާމިނަލް 1އަށް އެއަރ އަސްތާނާގެ ޚިދުމަތް ބަދަލުކުރެވުމަކީ، ބައިނަލްއަޤްވާމީ ދަތުރުތައް އިތުރަށް ފުޅާވެ، ރާއްޖެއިން ސެންޓްރަލް އޭޝިއާގެ ގައުމުތަކަށް ބާއްވާ ދަތުރުތައް އިތުރަށް ފުޅާވެގެންދާނެ ކަމެއްކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

އެއަރ އަސްތާނާއަކީ ވީއައިއޭގެ ޓާމިނަލް 1 ބޭނުންކުރަން ފެށި 15 ވަނަ އެއަރލައިނެވެ.

ވީއައިއޭގެ އައު ޓަރމިނަލް ހުޅުވާފައިވަނީ މިއަހަރުގެ ޖުލައި 26 ވަނަ ދުވަހުއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުވުމާއެކު ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ ޚިދުމަތްތައް އަންނަނީ އައު ޓަރމިނަލަށް ބަދަލުކުރަމުންނެވެ. އެގޮތުން އެންމެ ފަހުން ވީއައިއޭގެ ޓާމިނަލް އެކަކުން ޚިދުމަތްދޭން ފަށާފައިމިވަނީ ބްރިޓިޝް އެއަރލައިންސްއަށެވެ.