ޚަބަރު

ކީރިތި ޤުރުއާނާ ބެހޭ ޚާއްސަ ވަޤުފު އިމާރާތުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް މަސައްކަތް ކުރަނީ


  • ޖެނުއަރީ މަހު އެ މަސައްކަތް ފެށުމަކީ އުންމީދެއް

  • 10،000 އަކަފޫޓުގެ ބިން އެކަމަށް ޚާއްސަ ކުރުމަށް ނިންމާފައިވޭ

އަމާޒަކީ ކީރިތި ޤުރުއާނާ ބެހޭ ޚާއްސަ ވަޤުފު އިމާރާތުގެ މަސައްކަތް އަންނަ އަހަރު ފެށުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުއާނާ ބެހޭ ޚާއްސަ ވަޤުފު އިމާރާތް، ކުރިން ކޮރެލް ބޮލެވާޑް މަޝްރޫޢު ހިންގަން ހަމަޖެއްސި ބިމުގައި ތަރައްޤީކުރަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ މިއަހަރުގެ މެއި މަހުގައެވެ.

ކީރިތި ޤުރުއާނާ ބެހޭ ޚާއްސަ ވަޤުފު އިމާރާތުގެ މަސައްކަތާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މާލެ ސަރަޙައްދުގައި އިތުރު ވަޤުފު އިމާރާތްތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މިހާރު ހަވާލުކޮށްފައިވާ "ދާރުލްއަރްޤަމް" އާއި "ދާރުލްސަލާމް" ވަޤުފު އިމާރާތުގެ އިތުރަށް ކީރިތި ޤުރުއާނާ ބެހޭ ޚާއްސަ ވަޤުފު އިމާރާތް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ކީރިތި ޤުރުއާނާ ބެހޭ ޚާއްސަ ވަޤުފު އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަކީ އުންމީދެއްކަމަށެވެ. ވަޒީރު ވިދާޅުވީ މަސައްކަތް ކުރަމުންދަނީ ދެތިން އަހަރުގެ ތެރޭގައި އެ މަޝްރޫޢުތައް ނިންމުމަށްކަމަށެވެ. މި މަސައްކަތްތަކަކީ ކުރިއަށް އޮތް ޖީލުތަކަށް އެޅޭ މުހިއްމު ފިޔަވަޅެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އަމާޒަކީ އަހަރަކު 100 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަންނަ ފަންޑަކަށް އިސްލާމީ ކަންކަމަށް ޚިދުމަތް ކުރާ ފަންޑު ހެދުންކަމަށެވެ.

"ޒަކާތު ފަންޑުގެ އިންވެސްޓްމަންތްތައްވެސް އިތުރުކޮށް ފަޤީރުންގެ މަސްލަހަތައްޓަކައި އިތުރު ތަނަވަސްކަން ހޯދައިދިނުން. އިރާދަކުރެއްވިއްޔާ މި މަގަށް މަސައްކަތް ކުރެވޭނެ. ރާއްޖެ މިއަދު ދެކެމުން މިދަނީ ފަހުގެ ދުވަސްވަރު ދެކެމުންދާނެ އެންމެ ހެޔޮ ދުވަސްތައް."އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

ކީރިތި ޤުރުއާނާ ބެހޭ ޚާއްސަ ވަޤުފު އިމަރާތް ކުރީގެ ކޮރަލް ބޮލިވާޑް މަޝްރޫޢު ހިންގުމަށް ހަމަޖެއްސި ބިމުގައި ކުރިއަށްގެންދާގޮތަށް ވަނީ ނިންމާފައެވެ. އެ ބިމުގެ ބޮޑުމިނުގައި 70،000 އަކަފޫޓު ހުންނަ އިރު، އޭގެތެރެއިން، 10،000 އަކަފޫޓު އެކަމަށް ޚާއްސަ ކުރުމަށް ނިންމާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މާލޭގައި ތަރައްޤީކުރާ ދާރުލްއަރުޤަމް ވަޤުފު އިމާރާތަކީ 12 ފަންގިފިލާއަށް ތަރައްޤީ ކުރާ އިމާރާތެކެވެ. މީގެ އިތުރުން ހުޅުމާލޭގައި ތަރައްޤީ ކުރާ ދާރުއްސަލާމް ވަޤުފް އިމާރާތަކީވެސް 12 ފަންގިފިލާއަށް ތަރައްޤީ ކުރާ އިމާރާތެކެވެ.

ރާއްޖޭގައި މިވަގުތު ހުރީ އެންމެ ވަޤުފު އިމާރާތެކެވެ. އެއީ މާލޭގައި ތަރައްޤީކޮށްފައިވާ "ދާރުލް އީމާންއެވެ. މި އިމާރާތުން އަހަރަކު 6 މިލިޔަން ރުފިޔާ ލިބެއެވެ. އެހެންނަމަވެސް ހުޅުމާލެއާއި މާލޭގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ވަޤުފު އިމާރާތްތަކާއެކު އަހަރަކު 50 މިލިޔަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މާލޭގައި ތަރައްޤީ ކުރާ ވަޤުފު އިމާރާތްތަކުގެ އިތުރަށް އަތޮޅުތެރޭގައިވެސް މިފަދަ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށްޓަކައި އަތޮޅު ވަޤުފު މަޝްރޫޢެއްވެސް އިފްތިތާހްކޮށްފައިވެއެވެ.