ޚަބަރު

އަމާން އުދަރެސްގެ ޓަވަރުތަކަށް ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފި


  • އަމާން އުދަރެސް 11، 12 އަދި 13ވަނަ ފްލެޓަށް ކަރަންޓުގެ ޚިދުމަތް ވަނީ ފޯރުކޮށްދީފައި

  • ތަޅުދަނޑި ހަވާލުކުރަނީ ޔުނިޓްތަކުގެ ފިނިޝިން މަސައްކަތް ނިންމާފައި

ހުޅުމާލެ ދެވަނަ ފިިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓްތަކަށް ކަރަންޓުގެ ޚިދުމަތް ދޭންފަށައިފިއެވެ.

ސްޓެލްކޯއިން ވިދާޅުވީ ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކޮށްފައިވާ އަމާން އުދަރެސް އަދި އަމާން ދޯދި ފްލެޓްތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ ރަސްމީ މަސައްކަތްތައް ފެށުމުގެ ގޮތުން އަމާން އުދަރެސް 11، 12 އަދި 13ވަނަ ފްލެޓަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށެވެ.

4000 ފްލެޓް ލިބޭ މީހުންނަށް މިހާރު ވަނީ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން އެންމެ ފުރަތަމަ ދޫކުރަން ފަށާފައިވާ އަމާން އުދަރެހުގެ 14 ވަނަ ޓަވަރުގެ 80 އަށްވުރެ ގިނަ ޔުނިޓްގެ ތަޅުދަނޑު މިހާތަނަށް މިވަނީ އެ ފްލެޓްތަކުގެ ވެރިންނާ ހަވާލުކޮށްފައެވެ. އަދި ބައެއް އާއިލާތަކުން މިހާރު ވަނީ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކޮށްފައެވެ.


އެފްޑީސީން ވިދާޅުވީ ތަޅުދަނޑި ހަވާލުކުރަނީ ޔުނިޓްތަކުގެ ފިނިޝިން ނިމި، ޔުޓިލިޓީގެ ޚިދުމަތްތަކުގެ ކަނެކްޝަންތަކުގައިވެސް ބަލަންޖެހޭ އެންމެހައި ކަންކަން ރަނގަޅުކަން ކަށަވަރުކުރުމަށްފަހުގައިކަމަށެވެ. އަދި ތަޅުދަނޑި ހަވާލުކުރުމުގެ ކުރިން، ގޭގެ ވެރިންނާއެކު ޔުނިޓްތަކަށް ގޮސް، އެކަންކަން ހަމަޖެހިފަވާކަން ކަށަވަރުކުރަމުންދާކަމަށެވެ. 14 ވަނަ ޓަވަރުގެ ބާކީ ޔުނިޓްތައްވެސް ޑައުންޕޭމަންޓް ނިމެމުންދާ ވަރަކަށް ހަވާލުކުރަމުންދާނެކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެފައެވެ.

އަމާން އުދަރެހުގައި ޖުމްލަ 16 ޓަވަރު ހިމެނޭއިރު އެއީ 2000 ހައުސިން ޔުނިޓެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވީ، އަމާން އުދަރެހުގެ އިތުރު ޓަވަރުތަކުގެވެސް ތަޅުދަނޑި ހަވާލުކުރުމަށް ތައްޔާރުވެފަވާކަމަށާއި އެކަމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ.

ސަރުކާރުގެ ޢަމާޒަކީ މިއަހަރުގެތެރޭގައި ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބުނު ހުރިހާ ފަރާތްތަކަށް ފްލެޓް ހަވާލުކޮށް ނިންމުމެވެ. ސަރުކާރުން ވަނީ ފްލެޓްތަކަށް ގަވައިދުން ފައިސާ ދައްކާމީހުންނަށް ކުލިން ބޮޑެތި ޑިސްކައުންޓްތަކެއް ދިނުމަށް ނިންމާފައެވެ. އަދި ފްލެޓްތަކުގެ ޑައުން ޕޭމަންޓްވެސް ވަނީ ކުޑަކޮށްދީފައެވެ. މި މަޝްރޫޢުގައި ހިމެނެނީ 2 ކޮޓަރީގެ ޔުނިޓްތަކާއި 3 ކޮޓަރީގެ ޔުނިޓްތަކެވެ.