ޚަބަރު

އޮޅުވެލިފުށީގެ ބިންހިއްކުން ހިމެނޭގޮތަށް 3 މަޝްރޫއެއް އެމްޓީސީސީއަށް


  • 15 ހެކްޓަރގެ ބިން ހިއްކާނެ

  • ގޮނޑުދޮށްހިމާޔަތްކުރުމުގެ މަސައްކަތް އަދި އެރަށު އޮޑިއެހެލާ ސަރަހައްދު ތަރައްޤީކުރާނެ

ޅ. އޮޅުވެލިފުށީގެ ބިން ހިއްކުން ހިމެނޭގޮތަށް 3 މަޝްރޫޢެއްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.

އެމްޓީސީސީއާ މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޮޅުވެލިފުށީ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.

އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި އޮޅުވެލިފުށީގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން އަދި އެރަށު އޮޑިއެހެލާ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އޮޅުވެލިފުށީގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އޮޅުވެލިފުށީގެ ބިންހިއްކިގެން ދިޔުމަކީ އެރަށު ރައްޔިތުން ވަރަށް ބޭނުންވެފައިވާކަމެއްކަމަށެވެ. އެގޮތުން 15 ހެކްޓަރުގެ ބިން ހިއްކިގެންދާއިރު އެރަށުގެ ގޮނޑޮދޮށް ހިމާޔަތްކުރުމުގެ މައްސަލައަށް ހައްލުލިބި އޮޑިދޯނިފަހަރު ބޭލުމަށް ހާއްސަ ސަރަހައްދުވެސް ތަރައްޤީވެގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ޖުމްލަ ގޮތެއްގައި ބަނދަރާއި ބިންހިއްކުމާއި ގުޅިފައިވާ މަސައްކަތްތަކަކީ މިމަސައްކަތްތައް ނިމިގެން ދިޔުމުން ޔަގީނުންވެސް ރަށަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަންތައްތަކެއް. އެއްވެސް މަޑުޖެހުމެއްނެތި މި މަޝްރޫއުތައް ކުރިއަށް ގެންދާނަން." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފެށިފައިވާ މަސައްކަތްތަކާއި އަދި ސޮއިކުރެވިގެންދިޔަ މަސައްކަތްތައް ފެށި ރައްޔިތުން ބޭނުންވާ ގޮތަށް މަޝްރޫއުތައް ނިންމައިދެއްވާނެކަމަށެވެ.