ޅ. ހިންނަވަރުގައި ސަރުކާރުން ގާއިމުކުރައްވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ.
މި ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅ. ހިންނަވަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރައްވައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމުގެ އިތުރުން ހިންނަވަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުއްރަޙްމާން އަދި އެ ރަށު ކައުންސިލްގެ ރައީސެވެ.
ކޮންމެ ރަށެއްގައިވެސް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކޮށް, އެ ރަށެއްގެ ރައްޔިތުންނަށް ވީ އެންމެ އަވަހަކަށް އެތަންތަނުގައި އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގައި މިސެންޓަރުތައް ގާއިމުކުރައްވަނީ އެކި ކަހަލަ ބޯޑު ގޭމުތަކާއި، އިންޑޯ ޖިމާއި، އެރޮބިކްސް އާއި، ތަފާތު އިންޑޯ ކުޅިވަރުތައް ކުޅޭވޭ ގޮތަށެވެ.