ޚަބަރު

ދިއްފުށީގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފި


  • ދިއްފުށީ ފިޓްނަސް ސެންޓަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ

  • މި ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސް ދިއްފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ކ. ދިއްފުށީގައި ސަރުކާރުން ގާއިމުކުރައްވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ.

މި ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ. ދިއްފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކުރައްވައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ ރިޓަޔަރޑް އަޙްމަދު ސައުދީގެ އިތުރުން އެ ދާއިރާގެ މަޖިލިސް މެންބަރާއި އެ ރަށު ކައުންސިލް ރައީސެވެ.

ކޮންމެ ރަށެއްގައިވެސް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކޮށް, އެ ރަށެއްގެ ރައްޔިތުންނަށް ވީ އެންމެ އަވަހަކަށް އެތަންތަނުގައި އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގައި މިސެންޓަރުތައް ގާއިމުކުރައްވަނީ އެކި ކަހަލަ ބޯޑު ގޭމުތަކާއި، އިންޑޯ ޖިމާއި، އެރޮބިކްސް އާއި، ތަފާތު އިންޑޯ ކުޅިވަރުތައް ކުޅޭވޭ ގޮތަށެވެ.