ސައުދި އަރަބިއްޔާގެ ކިންގްސް ކަޕްގެ ކުއާޓަރ ފައިނަލުގެ ޖާގައެއް އަލް ނަސްރު 2-1 ގެ ނަތީޖާއަކުން ބަލިކޮށް އަލް އިއްތިހާދު އިން ހޯދައިފި އެވެ.
ރިޔާދުގެ އަލް އައްވާލް ޕާކްގައި ކުޅުނު މި މެޗުގެ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ އަލް ނަސްރު އިންނެވެ. އަދި އެ އަލް އިއްތިހާދުގެ ގޯލަށް ޖުމްލަ 22 ހަމަލައެއް ފޮނުވާލާފައިވާއިރު އޭގެ ތެރެއިން ފަސް ހަމަލައެއް ވަނީ ގޯލަށް އަމާޒުކޮށްފަ އެވެ.
އަލް އިއްތިހާދު އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 15 ވަނަ މިނިޓުގައި މޫސާ ޑިއާބީ ދިން ޕާހަކުން ކައުންޓަރ އެޓޭކެއްގައި ކަރީމް ބެންޒޭމާ އެވެ.
ނަމަވެސް މެޗުގެ 30 ވަނަ މިނިޓުގައި އެންޖެލޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑަކީ އަރިމަތިން ކްރިސްޓިއާނޯ ރޮނާލްޑޯ ހުރަސް ކުރި ބޯޅައެއް އިއްތިހާދުގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ނިކުތް ވަގުތު އެންޖެލޯ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
އަދި އޭގެ ފަހުން އަލް ނަސްރަށް ވަނީ ލީޑު ނަގަން ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އޭރިޔާ ބޭރުން ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ބާރު ހަމަލާ ކީޕަރު ވަނީ މަތަކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން އަލް އިއްތިހާދު އިން ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ދެވަނަ ފަހަރަށް ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ހުޝާމް އައުއާ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަން އަލް އިއްތިހާދުގެ އަހުމަދު އަލް ޖުލޭދާން އަށް ދެއްކި ރަތް ކާޑާއިއެކު އެ ޓީމުން މެޗުގެ ބާކީ ވަގުތު ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ދެވަނަ ހާފުގައި އެންމެ ރަގަޅު ފުރުސަތެއް ލިބިފައިވަނީ އަލް ނަސްރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. ނަމަވެސް އޭނާ އޭރިޔާ ތެރޭގައި ހުރެ ފޮނުވާލި ބޯޅަ ކީޕަރު ވަނީ މަތަކޮށްފަ އެވެ.