ޚަބަރު

ޔޫވީ މެޗުގައި ކުޅުންތެރިން ކުރި ހިތްވަރު ރަނގަޅު: ވެލެންސިއާގެ ކޯޗު


  • ވެލެންސިއާގެ ކޯޗު ބުނީ ޔޫވީ އަތުން ބަލި ނުވުމަކީ އަނެއްކާވެސް ކުރިޔަށްދާން ލިބުނު އިތުރު ހިތްވަރެއް ކަމަށް

  • ވެލެންސިއާ އޮތީ ލީގުގައި މިހާތަނަށް ހޯދި 5 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގަ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދެ މެޗަކުން ބަލިވުމަށްފަހު އެންމެ ފަހުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ދެކޮޅަށް ކުޅުނު މެޗުގައި ކުޅުންތެރިންގެ ކުރި މަސައްކަތް ވަރަށް ރަނގަޅު ކަމަށާއި ބަލި ނުވިކަން އެއީ ވަރަށް ބޮޑު އުފަލެއް ކަމަށް ކުލަބު ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި 25 އޮކްޓޫބަރުގައި ކުލަބް ވެލެންސިއާ އާއި ޔޫވީ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ވެލެންސިއާގެ ކޯޗު ބުނީ މިއީ އަނެއްކާވެސް ކުރިޔަށް ދިއުމަށް އެކުލަބަށް ލިބޭ އިތުރު ހިތްވަރަކަށް ވާނެ ކަމަށެވެ.

"މި މެޗަށް ބަލާއިރު އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން ޓީމު ފުދޭ ވަރަކަށް ރަނގަޅަށް ޕާފޯމް ކޮށްފިއޭ. ރަނގަޅު ޗާންސްތަކެއްވެސް ކްރިއޭޓް ކުރެވުނު. ދެން މީ ފުޓްބޯޅަ މެޗެއް މިހެން ކުޅެމުންދާއިރު ދެކޮޅަށްވެސް އެ ފުރުސަތުތައް ލިބޭނެ. ޔޫވީ ކުރި ހިތްވަރުވެސް ހަމަ ޔޫވީއަށް ސާބަސްދޭން ޖެހޭ" މުޖުތަބާ ބުންޏެވެ.

ލީގުގައި ވެލެންސިއާއަށް ލަނޑު ޖެހުމުގެ މައްސަލަ ކުރިމަތިވެފައިވާއިރު އެކަމަށް އިޝާރާތް ކުރަމުން ކޯޗު މުޖުތަބާ ބުނީ ގަވާއިދުން ބާއްވާ ފަރިތަކުރުންތަކުގައި އެ މައްސަލަ ހައްލުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެންމެ ބޮޑު އެއް މައްސަލައަކީ އަޅުގަނޑުމެންގެ ބިދޭސީ ފޯވާޑުގެ އެވަރުގެ ކެޕޭސިޓީއެއް ނެތުން. ދެން އެހެންވީމަ އަޅުގަނޑުމެން މެނޭޖްމެންޓާއި ވާހަކަ ދައްކައިގެން އެއަށް ރަނގަޅު ސޮލިއުޝަނެއް ކުރިޔަށް އޮތްތަނުގައި ހޯދޭތޯ މަސައްކަތްކުރުންކަންނޭގެ އެންމެ ރަނގަޅު ގޮތަކީ" މުޖުތަބާ ބުންޏެވެ.

އެހެންނަމަވެސް މިވަގުތު ތިބި ކުޅުންތެރިންނާއެކު ކުރިޔަށް ދެވޭތޯ ބަލާނެ ކަމަށާއި، ކުރިޔަށް ދިއުމަށް އެއް ޕޮއިންޓަކީވެސް މުހިއްމު އެއްޗެއް ކަމަށާއި، ޔޫވީ މެޗުގައި ޕޮއިންޓެއް ނުގެއްލި ސަލާމަތްވުން އެއީ ބޮޑު އުފަލެއް ކަމަށް މުޖުތަބާ ފާހަގަކުރިއެވެ.

ކުލަބު ވެލެންސިއާ އޮތީ ލީގުގައި މިހާތަނަށް ހޯދި 5 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ. ގެއްލުނު ގޯލު މަދުވުމުން ޔޫވީ އޮތީ ތާވަލުގެ ފަސްވަނައިގައެވެ. ވެލެންސިއާއިން ދެން އެންމެ އަވަހަށް ނިކުންނާނީ ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާއި ދެކޮޅަށް އަންނަ ހުކުރު ދުވަހެވެ.