ކެންސަރު ބައްޔާ ދެކޮޅަށް ސިއްޙީ ދާއިރާއިން ކުރަމުންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ސިއްޙީ ދާއިރާއިން ކެންސަރާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ ސިއްޙީ އެހީތެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.
"ބްރެސްޓް ކެންސަރ އެވެއަރނެސް" ގެ 6 ވަނަ ސިމްޕޯސިއަމް ފައްޓަވާދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވަނީ، ކެންސަރާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ސިއްޙީ ދާއިރާއިން މިވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ކުރައްވާފައިވާ މުހިންމު މަސައްކަތް ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރެވި، ބަލިން އަރައިގަތުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާއިރު، ބަލި ތަޙައްމަލުކުރަމުންދިޔަ އެތައްބައެއްގެ ވޭން ކުޑަ ތަންކޮޅެއްނަމަވެސް ލުއިކޮށްދިނުމުގައި ބާރަކަށް ވެގެންދިޔަކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ، ސިއްޙީ ދާއިރާއިން މިކަމުގައި ކުރައްވަމުންގެންދަވާ މަސައްކަތުގައި އެކަމަނާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
"މިއަދު ބައްޔާ ދެކޮޅަށް ފަރުވާ ދެމުންދަނީ ހަމައެކަނި ބޭހަކުން ނޫން. ނަފްސާނީގޮތުންވެސް އެހީތެރިކަން ފޯރުކޮށްދޭ. މިއީ ވަރަށް ގިނަ ބައެއްގެ މިންނެތް މަސައްކަތް." މެޑަމް ސާޖިދާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ އުރަމަތީގެ ކެންސަރާއި ބެހޭ ތަފާސްހިސާބަކީ، ކޮންމެވެސް އަންހެނަކު އަދި މަޔަކު އުފުލަމުންދާ ނުވަތަ އުފުލާފައިވާ ތަކުލީފާއި އެތައް ވޭނެއްގެ ހަގީގަތްކަމަށެވެ.
އެކަމަނާ ވިދާޅުވީ، ކެންސަރާއި ބެހޭ ގޮތުން ހޭލުންތެރިކުރުވުމުގެ އެންމެ މުހިންމު އެއްބޭނުމަކީ، މިބަލީގައި އެއްވެސް އަންހެނަކީ އެކަނި އުޅެންޖެހޭ މީހެއް ނޫންކަން އަންގައިދިނުންކަމަށެވެ. ހަމައެއާއެކު ދުރާލާ ދެނެގަނެވުމުން ކާމިޔާބުކަމާއެކު ބަލިން އަރައިގަތުމުގެ ފުރުސަތު އޮތްކަން ހޭލުންތެރިކުރުވުމުގެ މަސައްކަތުން އާންމުންނަށް އަންގައިދިނުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އަދި އަންހެނުންގެ ސިއްޙަތާއި، ހަށިގަނޑާއި މެދު އަންހެނުންނަށް އެނގުން މުހިންމު މަޢުލޫމާތު ހުންނައިރު އެކަންކަމާއި މެދު ހޭލުންތެރިކުރުވުމަކީ، ބަލިން ރައްކާތެރިވުމަށް ކުރުން މުހިންމުކަމެއްކަން ފާހަގަކުރެއްވިއެވެ. އަންހެނުންގެ ދުޅަހެޔޮ ސިއްޙަތަކީ ބުރައެއް ކަމުގައި ދެކުމުގެ ބަދަލުގައި އެއީ ކޮންމެ އަންހެނެއްގެވެސް ހައްގެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. އަދި އެކުގައި އުޅޭ ޢާއިލާއާއި ތިމާގެ މީހުންނާއި، އެކުވެރިންގެ ހިތްވަރުގެ ބަސްތަކަކީ، ބަލި ތަޙައްމަލުކުރަމުންދާ މީހުންނަށް ބުނެދޭން ނޭނގޭހާ މުހިންމު ކަމެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވިއެވެ.