ޚަބަރު

ކުޅުންތެރިންގެ އިތުބާރު އަންނަނީ ރަނގަޅުވަމުން: ވިކްޓްރީގެ ކޯޗް


ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެފަހުން ވިކްޓްރީ ސްޕޯޓްސް ކުލަބުން ކުޅުނު މެޗުގައި ކުރިއެރުންތަކެއް ފާހަގަކުރެވުނު ކަމަށާއި، ކުޅުންތެރިންގެ އިތުބާރު ރަނގަޅުވަމުން އަންނަތަން ފެނިގެން ހިނގައްޖެ ކަމަށް ވިކްޓްރީގެ ކޯޗު ސްލޮވާކިއާގެ ޖޯޖްލީ ގެރީ ބުނެފިއެވެ.

ދިވެހި ޕްރިމިއަރ ލީގުގައި 26 އޮކްޓޫބަރުގައި ޓީސީ ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއެއްގައި ޖޯޖްލީ ބުނީ ފުރަތަމަ ހާފްގައި ފެނުނު ހަލުވި ކުޅުމެއް ދެވަނަ ހާފްގައި ކުޅުންތެރިންނަށް ނުދެއްކުނު ކަމަށެވެ.

އެހެންނަމަވެސް ޖުމްލަކޮށް ބަލާއިރު އެ މެޗު ހިތްހަމަޖެހޭ ކަމަށާއި، ޓީމުތަކުގެ ކުޅުން އެނަލައިޒްކުރެވިއްޖެ ކަމަށެވެ. އަދި ކުރިޔަށް އޮތް މެޗަށް ޓީމު ތައްޔާރުވާއިރު ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަ ކުރެވިގެންދިޔަކަމަށް ޖޯޖްލީ ބުންޏެވެ.

އެންމެ ފަހުން ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކުލަބު އަތުން ލިބުނު 1-0 ގެ ނަތީޖާއަކުން ލިބުނު ހަނި މޮޅަކީ، ވިކްޓްރީގެ ކޯޗުކަމާއި ޖޯޖްލީ ހަވާލުވިފަހުން އެޓީމަށް ލިބުނު ފުރަތަމަ މޮޅެވެ.

ވިކްޓްރީން އެ މެޗުގައި ޕޮއިންޓެއް ހޯދީ މެޗުގެ 5 ވަނަ މިނިޓުގައި އަލީ ނަސޫހް ރަޝީދަށް އޭރިޔާ މެދެއްހާ ހިސާބުން ލިބުނު ބޯޅައެއް ހިފައިގެން ގޮސް ގޯލަށް ވައްދާލައިގެންނެވެ. ޖޯޖްލީ ބުނީ ދެވަނަ ހާފްގައި ކުޅުން ދަށްވިނަމަވެސް ފުރުސަތުތައް ތަނަވަސްކުރިތަން ފެނުނު ކަމަށެވެ.

ތާވަލުގައި މިވަގުތު ވިކްޓްރީ ވަނީ ފަސް މެޗުން ހޯދި 6 ޕޮއިންޓާ އެކު ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. ވިކްޓްރީން ދެން ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ޔުނައިޓެޑް ވިކްޓްރީއާއި ދެކޮޅަށެވެ.

ވިކްޓްރީން މަސައްކަތް ކުރަމުން އަންނަނީ މީގެ އަހަރުތަކެއް ކުރިން އޮތް ހިސާބަށް އަނެއްކާވެސް ދިވެހި ޕްރިމިއާ ލީގުގައި އެ ކުލަބު ގެންދިއުމަށެވެ.