ޚަބަރު

މަސްތުވާތަކެއްޗާއިއެކު ރަސްގެތީމުން 9 މީހުން ހައްޔަރުކޮށްފި


  • މިމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކުރަން ތިއްބާ

  • މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭ ތަކެއްޗާއި 43500 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވޭ

މަސްތުވާތަކެތީގެ މައްސަލައެއްގައި ރ. ރަސްގެތީމު ގެއެއް ބަލައިފާސްކޮށް 9 މީހުން ހައްޔަރުކޮށްފިއެވެ. މި 9 މީހުން ވެސް ހައްޔަރުކޮށްފައިވަނީ އެ ގޭގައި މަސްތުވާތަކެތި ބޭނުންކުރަން ތިއްބައެވެ.

ފުލުހުން ވިދާޅުވީ އެ މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެންބަރު މަހުގެ 1 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކަމަށެވެ.

ފުލުހުން ވިދާޅުވީ ހުޅުދުއްފާރު ޕޮލިސް ޕޯސްޓާއި ރަސްގެތީމު ޕޮލިސް ޕޯސްޓު އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 15 ކަރުދާސްކޮޅާއި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭކަމަށް ބެލެވޭ ތަކެއްޗާއި 43500 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ނިހާން (23އ) އާއި، އިބްރާހީމް ޢާދިލް (38އ) އާއި، އާދަމް ނަސީމް (30އ) އާއި، އިބްރާހީމް ރިޝާމް (36އ) 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އަމީނާ މުޙައްމަދު (32އ) އާއި، އައްޔޫބު އާދަމް (33އ) އާއި، ފަރީޙާ ބިންތި ޢަލީ ވަޙީދު (21އ) އާއި، އަޙްމަދު ވިޝާމް (41އ) އާއި، ޙުސައިން ސަރްޙާން (30އ) 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.