ބޮޑުތަކުރުފާނު މަގުގެ މަސައްކަތުގެ ސެގްމެންޓް 1ގައި ތާރުއެޅުމުގެ މަސައްކަތް މިމަހުގެ މެދުތެރޭގައި ފަށާނެކަމަށާއި މިމަހުގެ ނިޔަލަށް ހުރިހާ މަސައްކަތެއް ނިންމާ އާއްމުންނަށް ހުޅުވާލުމަށް މަސައްކަތްކުރަމުންދާކަމަށް މިމަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
މިމަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ އޮގަސްޓްމަހުގެ 21 ވަނަ ދުވަހުއެވެ.
މިމަޝްރޫޢު ސަރުކާރުން ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީއާ ހަވާލުކޮށްގެންނެވެ. 
ސެގްމަންޓް 1ގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފެށިގެން ޝަހީދު ޙުސައިން އާދަމް ބިލްޑިންގްއާ ހަމައަށް އޮންނަ ސަރަޙައްދެވެ. އެއީ 130 މީޓަރުގެ ސަރަޙައްދެވެ.
މި މަސައްކަތުގެތެރެއިން މިހާތަނަށް ވަނީ އެއްގަމު ތޮށީގެ މަސައްކަތް މުޅިން ނިންމާފައެވެ. އެއްގަމު ތޮށި ތަރައްޤީކޮށްފައިވަނީ މަގު ފުޅާކުރުމަށް، ބޭރުތޮށި ބޭރަށް 6 މީޓަރު ޖެއްސުމަށްފަހުއެވެ.
		
										
										
			ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރުވަސް ޢަބްދުﷲ ފާއިޒް ވިދާޅުވީ، މަގުތަކުގެ އަޑީގައި އަޅާ ޔުޓިލިޓީ ނެޓްވޯކާއި ފެން ހިންދާ ނިޒާމުގެ މަސައްކަތް މުޅިންހެން ނިމިފައިވާކަމަށެވެ. މިމަސައްކަތުގައި އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯގެ މަސައްކަތްތައް ހިމެނޭތީ، އެއާ ގުޅޭ ބައެއް މަސައްކަތްތައް އަދިވެސް އެ ކުންފުނިތަކުން ދަނީ ކުރިއަށްގެންދަމުންނެވެ. 
މިހާރު ސައިޓުގައި ކުރިއަށްދަނީ ޕޭވްމަންޓް ހެދުމުގެ މަސައްކަތާއި މަގުގައި ތާރު އަޅަން ފެށުމަށް ވާންޖެހޭ ތައްޔާރީތަކެވެ. 
 
"މުޅި މި ސެގްމަންޓަށް ބަލަންޏާ %80 މަސައްކަތް މިވަނީ ނިމިފައި. އުއްމީދަކީ މަގުގެ ހުރިހާ މަސައްކަތްތައް ނިންމާ މިމަހުގެ ނިޔަލަށް އާއްމުންނަށް ހުޅުވާލުން." ޝަރުވަސް ވިދާޅުވިއެވެ.
		
										
										
			މަގު ތަރައްޤީކުރަނީ 4 ލޭނަކަށެވެ. އަދި ހިނގާ މީހުންނަށް ޚާއްސަ ލޭނުވެސް ހިމެނޭނެއެވެ. 
މުޅި މި މަޝްރޫޢު ކުރިއަށްގެންދަނީ 5 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މިމަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް، ޖުމްލަ 830 މީޓަރުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ. މިމަސައްކަތުގެ ތެރެއިން ޒަމާނީ ފެން ހިންދާ ނިޒާމާއި ލައިޓިން ސިސްޓަމްވެސް ހަރުކުރާނެއެވެ. 
މަސައްކަތްތައް އަވަސްކުރުމަށްޓަކައި އެމްޓީސީސީން 24 ގަޑިއިރު އަންނަނީ މަސައްކަތް ކުރަމުންނެވެ.
		
										
										
			މަސައްކަތް ކުރިއަށްގެންދިއުމަށް ގްރީން ޒޯން ހިމެނޭހެން ބޮޑުތަކުރުފާނު މަގުން ބޮޑު ސަރަޙައްދެއް ވަނީ ބަންދުކޮށްފައެވެ. އަދި ޓްރެފިކަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. 
އެމްޓީސީސީން ވަނީ މި ގަވަޢިދުތަކަށް އާންމުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެސަރަޙައްދަކީ ގިނަ ބަޔަކު ބޭނުންކުރާ މަގަކަށްވީނަމަވެސް، އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި، ހިނގާ މީހުންވެސް މަސައްކަތު ސައިޓަށް ނުވަނުމަށް ވަނީ އިލްތިމާސްކޮށްފައެވެ. 
މިމަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފަވަނީ 144 މިލިޔަން ރުފިޔާއަށެވެ.