ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ޑައިމަންޑް ޖުބިލީ ފުޓްބޯލް ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފުޓްބޯޅަ ފެސްޓިވަލްތަކެއް ބާއްވަން ނިންމައިފިއެވެ.
މިއީ ދިވެހިރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ފުޓްބޯޅަ ފެސްޓިވަލްތަކެއް ކަމަށް އެފްއޭއެމްއިން ބުނެއެވެ.
މިގޮތުން މީގެ ފުރަތަމަ ފެސްޓިވަލް ބާއްވަން ނިންމާފައިވަނީ ނޮވެމްބަރު 7 އަދި 8 ގައި މާފަންނު ޓާފް ދަނޑުގައެވެ. މި ފެސްޓިވަލްގައި މާލޭގެ އެކަޑަމީތަކުން 1500 އަށްވުރެ ގިނަ ކުދިން ބައިވެރިވާނެ ކަމަށް އެފްއޭއެމްއިން ބުނެއެވެ.
އެކަޑަމީތަކުގެ މެޗުތަކާއި ވާދަވެރިކަމާއި އެކުވެރިކަމާއި ކުޅިވަރުގެ ރޫޙާއި މުޖުތަމައުގެ އެއްބައިވަންތަކަން ކުރިއެރުވުމަށް ފަރުމާކޮށްފައިވާ ހަރަކާތްތައް މި ފެސްޓިވަލްގައި ހިމެނޭނެކަމަށް އެފްއޭއެމްއިން ބުނެއެވެ.
އެފްއޭއެމްއިން ބުނީ ކުރޮޔަށް އޮތް ތަނުގައި މި ފެސްޓިވަލް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދާނެ ކަމަށެވެ. މިއަހަރަކީ ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރޭ އަހަރު ކަމުން ކުލަގަދަކޮށް މިކަން ފާހަގަކުރުމަށް އެފްއޭއެމް އިން ވަނީ ނިންމާފައެވެ.