ޚަބަރު

ފުވައްމުލައް ސިޓީގެ ތަޢުލީމީ މަރުކަޒުގެ އައު އިމާރާތާއި ކުނި މެނޭޖްކުރާ ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި


  • މި ދެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ ރައީސް ފުވައްމުލަކަށް ކުރެއްވި ޒިޔާރަތެއްގައި

ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އައު އިމާރާތާއި، ފުވައްމުލަކު ސިޓީގެ ކުނި މެނޭޖްކުރާ ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ފުވައްމުލަކުގައި ތަރައްޤީކުރާ ކުނި މެނޭޖްކުރާ ސެންޓަރާއި، ސްކޫލުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފެށީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލައް ސިޓީއާއި، އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލައް ސިޓީއަށް ވަޑައިގެން އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުތަކުުގައެވެ.

އަތޮޅުތައުލީމީ މަރުކަޒުގެ އައު އިމާރާތާއި، ކުނި މެނޭޖުކުރާ ސެންޓަރުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. ފުވައްމުލަކު ސިޓީގައި ހުންނަ އަތޮޅު ތަޢުލީީމީ މަރުކަޒުގައި އިމާރާތްކުރާ 5 ފަންގިފިލާގެ އައު އިމާރާތާއި، ކުނި މެނޭޖުކުރާ ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރުއެވެ. އެ ސެންޓަރުގެ މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯއާއެވެ.

ފުވައްމުލަކާއި އައްޑުއަތޮޅަށް ރައީސް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކާއި އައްޑު އަތޮޅުގެ ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ގިނަ މަޝްރޫއުތަކެއްގެ ޢާމަލި މަސައްކަތްތައް ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.