ޗެމްޕިއަންސް ލީގުގައި ޕީއެސްޖީން އަތުން 2-1އިން މޮޅުވި ބަޔާން މިއުނިކުން ޖަހަންވީ ހަތަރު ގޯލު ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
މެޗަށް ފަހު ވަރަށް ބޮޑަށް އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަ ނުޖެހިފައި ވާހަކަ ދައްކަމުން ކޯޗު ބުނީ ބަޔާން މިއުނިކުން ގޯލުތައް ޖެހީ އޭނާގެ ޓީމުން ދިން ހަދިޔާތަކުން ކަމަށެވެ.
"މި ފަދަ ހަދިޔާ ދޭ ކަމަށް ވަންޏާ މޮޅެއް ނުވާނެ. އަހަރެން ބުނާނީ ދެ ޓީމުގައި ވެސް 11 ކުޅުންތެރިން ހަމައަށް ތިބި އިރު ކުޅުން ރަނގަޅު ކަމަށް. އެކަމަކު އިދިކޮޅު ޓީމުން އެކަކު މަދުވީމަ ފަރުވާ ކުޑަވީ. ދެން އަހަރުމެން މިދެނީ ވަރަށް ރަނގަޅު ހަދިޔާއެއް އެ މީހުންނަށް. ހަގީގަތުގައި އެ މީހުން މި މެޗުގައި ޖަހަންވީ ދެ ގޯލެއް ނޫން. އެ މީހުންނަށް ހަތަރު ގޯލު ޖެހޭނެ،" ކޯޗު ބުންޏެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޕީއެސްޖީ އަށް ކާމިޔާބު ކޮށްދިން ކޯޗު ބުނީ އޭނާގެ ޓީމުގައި އަނިޔާގެ މައްސަލަތައް ހުއްޓަސް އެއީ ބަހަނާއެއް ނޫން ކަމަށެވެ.
"ޓީމެއްގެ ގޮތުގައި ކުޅުން ރަނގަޅު ކުރުމަކީ އަހަރުމެންގެ ޒިންމާއެއް. ބައެއް ކުޅުންތެރިން އަނިޔާއިން މުޅިން ރަނގަޅުނުވެ ހުއްޓައި ބޭނުން ކުރަން ޖެހިއްޖެނަމަ އެއީ ކޯޗެއްގެ ގޮތުގައި އަހަރެން ނަގަން ޖެހޭ ޒިންމާއެއް. އެހެންވީމާ މި މެޗުގެ ނަތީޖާ އަކީ ތަޖުރިބާއެއް ބަލައިގެން ކުރިއަށްދާން ޖެހޭނީ،" ކޯޗު ބުންޏެވެ.
މިއީ މި ސީޒަނުގައި ޕީއެސްޖީ ބަލިވި ދެ ވަނަ މެޗެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބުނީ ޕީއެސްޖީ ފަދަ މޮޅު ޓީމެއްގެ އަތުން މެޗު ކާމިޔާބު ކުރެވުނީ ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތް ކޮށްގެން ކަމަށެވެ.
"ޓެކްޓިކަލީ އަދި ޓީމެއްގެ ގޮތުގައި ވަރަށް ރަނގަޅަށް މަސައްކަތް ކޮށްގެން މި މެޗު ވެސް މި ކާމިޔާބު ކުރެވުނީ. މުޅި ޓީމުން ދެއްކި ކުޅުމާމެދު އަހަރެން ހިތްހަމަޖެހޭ. ޗެމްޕިއަންސް ލީގުގެ އެއްވެސް މެޗަކީ ފަސޭހަ މެޗެއްނޫން،" ކޮމްޕެނީ ބުންޏެވެ.
މި ސީޒަނުގައި ބަޔާން ދަނީ ކުރީގެ ސީޒަނަށް ވުރެ މޮޅު ކުޅުމެއް ދައްކަމުން ކަމަށް ގިނަ ބަޔަކު ޔަގީން ކުރެ އެވެ.