ލިވަޕޫލް ދޫކޮށް ދިޔަ ފަހުން ފުރަތަމަ ފަހަރަށް އެ ކުލަބުގެ ދަނޑަށް އައުމުން ރެއާލް މެޑްރިޑްގެ ޖާޒީގައި ޓްރެންޓް އެލެގްޒެންޑާ އާނޮލްޑަށް ސަޕޯޓަރުން ވަރަށް ބޮޑަށް މަލާމާތްކޮށްފި އެވެ.
ރެއާލް އަތުން 1-0އިން ލިވަޕޫލް ބަލިވި މެޗުގައި އާނޮލްޑް ވާމްކުރިއިރު ވެސް ސަޕޯޓަރުން އޭނާ އަށް ފުރައްސާރަކޮށް ބައެއް ސަޕޯޓަރުން ވަނީ ހުތުރު ނަންނަމުން އޭނާ އަށް މުހާތަބްކޮށްފަ އެވެ.
ސަޕޯޓަރުން ކޮންމެ ގޮތަކަށް އަމަލު ކުރިޔަސް މައްސަލައެއް ނެތްކަމަށް ބުނި ކުޅުންތެރިޔާ ދަނޑުގައި ހުރީ ވަރަށް ބޮޑަށް ހެވިފަ އެވެ. އޭނާ ކުޅެން ނުކުތީ މެޗުގެ 81 ވަނަ މިނިޓްގަ އެވެ. މިއާއެކު މުޅި ދަނޑު ގުގުމާލީ އޭނާ ކުލަބު ދޫކޮށްލުމާމެދު އުފެދުނު ރުޅިވެރިކަމުގެ ޝުއޫރުތަކުންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލަށް ކުރިން ކުޅުނު ރެއާލް މެޑްރިޑްގެ ކޯޗު ޒަބީ އަލޮންސޯ ބުނީ އާނޮލްޑް ހުރީ އެކަންކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ.
"އޭނާ އަކީ ޕްރޮފެޝަނަލް ކުޅުންތެރިއެއް. އޭނާ އަށް ވެސް އެނގޭ މިފަދަ ކަމެއް ހިނގާނެކަން. އޭނާ ހުރީ އެކަމަށް ތައްޔާރުވެގެން. އެހެންވީމާ އެއީ މައްސަލައެއްނޫން. އޭނާ ކުޅެން ނެރުނީ ފްލޭންކްތަކުން އޭނާގެ ކޮލިޓީ އަހަރުމެންނަށް ބޭނުންވާތީވެ. ދެން ލިވަޕޫލްގެ މި ދަނޑުން ފެނިގެން މިދިޔައީ ޗެމްޕިއަންސް ލީގު މެޗެއްގެ ފޯރި އާއި ޖޯޝް. އެއީ މިތަނަށް ވަރަށް ހާއްސަ ކަމެއް،" 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ލިވަޕޫލަށް ކާމިޔާބުކޮށްދިން ޓީމުގެ މުހިންމު ދައުރެއް އަދާކުރި މިޑްފީލްޑަރު އަލޮންސޯ ބުންޏެވެ.
މެޗަށް ފަހު ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުނީ އާނޮލްޑް އާއި އޭނާ ބައްދަލުވި ކަމަށެވެ.
"ވަރަށް ކުޑަކޮށް އޭނާއާ ބައްދަލުވި. އަހަރެން އޭނާގެ ގައިގަ ބައްދާލިން. އޭނާ އަކީ އަހަރެންނަށް ވަރަށް ހާއްސަ ކުޅުންތެރިއެއް. އޭނާއާ ކޮންމެ ވަގުތަކު ދިމާވިޔަސް އަހަރެން އޭނާގެ ގައިގަ ބައްދާލަން. އޭނާ އަކީ މި ކުލަބަށް ވަރަށް ގިނަ ހިދުމަތް ކޮށްދީފައި ހުރި ކުޅުންތެރިއެއް،" ސްލޮޓް ބުންޏެވެ.
ލިވަޕޫލްގެ ޔޫތު އެކަޑަމީން ފެށިގެން އެ ކުލަބުގެ ވައިސް ކެޕްޓަންކަމާ ހަމައަށް ދަތުރު ކުރި އާނޮލްޑް ވަނީ ދެ ފަހަރު ޕްރެމިއާ ލީގު ކާމިޔާބުކޮށްދީފަ އެވެ. އަދި އެއް ޗެމްޕިއަންސް ލީގާއި ކުލަބު ވޯލްޑް ކަޕެއްގެ އިތުރުން ވެސް ގިނަ ކާމިޔާބީތައް ލިވަޕޫލަށް އޭނާ ހޯދައިދިނެވެ. ނަމަވެސް ރެއާލް މެޑްރިޑަށް ކުޅެން އޭނާ ނިންމުމުން އެކަން ސަޕޯޓަރުންނަށް ބަލައި ނުގަނެވުނެވެ. މި ގޮތުން އޭނާ ރެއާލް އަށް ދާ ވާހަކަ އަޑުއިވުމާއެކު ކުޅުންތެރިޔާ އަށް ހުސްވި ސީޒަނުގައި މަލާމާތްކޮށް ވެސް ހެދި އެވެ. އެކަން ހުއްޓުނީ ކޯޗާއި ކުޅުންތެރިން އެކަމަށް އެދިގެންނެވެ.
މިހެންވެ އާނޮލްޑް ވެސް ހުރީ އޭނާއާ މެދު ލިވަޕޫލް ސަޕޯޓަރުން މި މެޗުގައި ކަންތައްތައް ކުރާނެ ގޮތަކާމެދު ސުވާލު އުފެދިފަ އެވެ. މެޗުގެ ކުރިން އޭނާ ބުނީ އެހެން ޓީމެއްގެ ކުޅުންތެރިއެއްގެ ގޮތުގައި ލިވަޕޫލްގެ ދަނޑަށް ދާ ފުރަތަމަ ފަހަރު ސަޕޯޓަރުން ކޮންމެ ގޮތަކަށް އަމަލު ކުރިޔަސް އޭނާގެ ހިތުގައި ލިވަޕޫލަށް އޮތް ލޯބި ބަދަލު ނުވާނެ ކަމަށެވެ.
"ކޮންމެ ގޮތަކަށް ކަންތައްތައް ވިޔަސް އަހަރެންގެ ހިތުގައި ލިވަޕޫލަށް އޮތް ލޯބި ބަދަލެއް ނުވާނެ. އަހަރެން އަބަދުވެސް ހުންނާނީ ލިވަޕޫލްގެ ސަޕޯޓަރެއްގެ ގޮތުގައި. އަހަރެން ކުލަބު ދޫކޮށްލީ ކުލަބަށް ކާމިޔާބު ހޯދާދީފައި އަހަރެންގެ ހަޔާތުގެ އައު ސޮފުހާއަކަށްޓަކައި،" އާނޮލްޑް ބުންޏެވެ.