ޚަބަރު

ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ހާލަތާއި ގުޅޭ ރިވިއު މިއަދު


  • މި ރިވިއުގައި ބަންޑަރ ނައިބުގެ އިތުރުން ދެ ވަޒީރަކު ބައިވެރިވާނެ

  • މިއީ މި ރިވިއުގައި ރާއްޖެ ބައިވެރިވާ 4 ވަނަ ފަހަރު

ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ހާލަތާއި ގުޅޭގޮތުން ކުރިއަށް ގެންދާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު، ޔޫޕީއާރްގެ ހަތަރުވަނަ ބުރު މިއަދު ކުރިއަށްދާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއާއި ގުޅޭ ރިވިއު އޮންނާނީ ޖެނިވާގައި ހުންނަ އދ. ގެ އޮފީހުގައެވެ.

ޔޫޕީއާރް އަކީ، އ.ދ. ގެ މެންބަރު ޤައުމުތަކުގައި އިންސާނީ ޙައްޤުތައް ރައްކާތެރި ކުރެވެމުންދާ މިންވަރާއި، އެ ޤައުމުތަކުގެ އިންސާނީ ހައްޤުތަކުގެ ޙާލަތާއި، އިންސާނީ ޙައްޤުތަކާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތައް ތަންފީޛުކުރެވެމުންދާ މިންވަރު ދެނެގަނެ، ވަޒަންކުރުމަށްޓަކައި ކުރިއަށްގެންދެވޭ މަސައްކަތެކެވެ.

މިއަދު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ރިވިއު ސެޝަންގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާނީ، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްއާއި، ދާޚިލީ ސަލަމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙުސާންއާއި އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއެވެ. މީގެ އިތުރުން، ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އަދި ސަރުކާރުގެ އިސްބައެއް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޔޫޕީއާރް ގެ ކޮންމެ ބުރެއްގައި، އޭގެ ކުރީ ބުރުގައި އެ ޤައުމަކަށް އެހެން ޤައުމުތަކުން ހުށަހަޅާފައިވާ ކަންކަން ތަންފީޛުކުރަމުންދާ މިންވަރާއި، އެ ހުށަހެޅުންތައް ތަންފީޛުކުރުމަށްޓަކައި އެ ޤައުމަކުން ކުރަމުންދާ މަސައްކަތްތަކާއި ދިމާވަމުންދާ ގޮންޖެހުންތައް ބަޔާންކޮށް، ނޭޝަނަލް ރިޕޯޓެއް ހުށަހަޅަންޖެހެއެވެ. އެގޮތުން، ޔޫޕީއާރް ގެ ހަތަރުވަނަ ބުރަށް ދިވެހިރާއްޖެއިން ހުށަހަޅަންޖެހޭ ނޭޝަނަލް ރިޕޯޓު މިދިޔަ އޯގަސްޓު މަހުގެ 4 ވަނަ ދުވަހު ބަންޑާރަ ނައިބު ވަނީ ހުށަހަޅައި ދެއްވާފައެވެ.

މިއަދު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ރިވިއު ސެޝަންގައި، ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ނޭޝަނަލް ރިޕޯޓުގައި ހިމަނާފައިވާ މަޢުލޫމާތާއި، މަދަނީ ޖަމާޢަތްތަކާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްއިން ހުށަހަޅާފައިވާ ސްޓޭކްހޯލްޑަރ ރިޕޯޓުތަކާއި، އ.ދ. ގެ އެކި ފަރާތްތަކުން ދިވެހިރާއްޖެއާ ގުޅޭގޮތުން ހުށަހަޅާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ޔޫޕީއާރްގެ ކުރިއަށްއޮތް ބުރުގައި ދިވެހިރާއްޖެއިން ތަންފީޛުކުރުމަށް ހުށަހަޅާ ރެކޮމެންޑޭޝަންތައް އެކި ޤައުމުތަކުން ހުށަހަޅާނެއެވެ.

މި ރިވިއު ސެޝަންގައި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި ދިވެހިރާއްޖެއިން ހާސިލްކޮށްފައިވާ ކާމިޔާބީތަކާއި، މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި، ދިވެހި ސަރުކާރުގެ ސިޔާސަތުތައް ބަޔާންކުރުމަށްޓަކައި، މައިގަނޑު ހަތަރު ދާއިރާއަކުން އިންޓަރވެންޝަންތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މަދަނީ އަދި ސިޔާސީ ޙައްޤުތަކާއި، ޤާނޫނު ތަންފީޛުކުރާ އިދާރާތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކާއި، މުޖުތަމަޢުގެ ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، އިޤްތިޞާދީ، އިޖުތިމާޢީ އަދި ޘަޤާފީ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން އިންޓަރވެންޝަންތައް ދިވެހިރާއްޖޭގެ ވަފުދުން ހުށަހަޅާނެއެވެ.

ކޮންމެ ހަތަރު އަހަރަކުން ކުރިއަށް ގެންދާ މި ރިވިއު ޕްރޮސެސްގެ ފުރަތަމަ ތިން ސައިކަލްގައިވެސް ދިވެހިރާއްޖެއިން ވަނީ ބައިވެރިވެފައެވެ.