މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ސީޒަން 2 - މެއިން ސްޕޮންސަރަކަށް ލޮޓަސް


މޯލްޑިވިއަން އައިޑަލްގެ ސީޒަން 2 ގެ މެއިން ސްޕޮންސަރަކަށް ލޮޓަސް ފިހާރަ ހަމަޖައްސައިފިއެވެ. މިކަމުގެ އެއްބަސްވުމުގައި މިއަދު ޕީ.އެސް.އެމުން ވަނީ ލޮޓަސްފިހާރައާއެކު ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދުއެވެ. އަދި ލޮޓަސްފިހާރައިގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒައިނަލް ޢާރިފްއެވެ.

ފްރެންޗައިޒް އުޞޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ޝޯވތަކަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިގެން ދިޔައެވެ. މިއާއެކު "މޯލްޑިވިއަން އައިޑަލް – ސީޒަން 2" ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށްޓަކައި، ޕީ.އެސް.އެމްގެ ފަރާތުން މިހާރު ދަނީ ތައްޔާރުވަމުންނެވެ. މޯލްޑިވިއަން އައިޑޮލް ވެގެންގޮސްފައިވަނީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު ރިއަލިޓީ ޝޯވއަށެވެ. އައިޑަލްގެ ސީޒަން 2 ގެ މެއިން ސްޕޮންސަކަށް ލޮޓަސްފިހާރަ ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު ވިދާޅުވީ، އައިޑަލްގެ ފުރަތަމަ ސީޒަނާއި އަޅާބަލާއިރު ދެވަނަ ސީޒަނުން ބަދަލުތަކެއް ފެންނާނެ ކަމަށެވެ. އެގޮތުން ދެވަނަ ސީޒަން ރަސްމީކޮށް ލޯންޗް ކުރުމަށްފަހު އެކަންކަން އިތުރަށް ހާމަކުރަމުން ގެންދަވާނެކަމަށް ޝާޔަން ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14721142896533.jpg|މޯލްޑިވިއަން އައިޑަލް ސީޒަން 2 ސްޕޮންސަރޝިޕް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ލޮޓަސް ފިހާރައިގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒައިނަލް ޢާރިފް ވިދާޅުވީ، މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަންގެ ތެރޭގައި އެކުންފުނީގެ ފަރާތުން ސޯޝަލްމީޑިޔާ މެދުވެރިކޮށް ހިންގި ކާމިޔާބު ޙަރަކާތްތަކަށްފަހު، އައިޑަލްގެ ދެވަނަ ސީޒަންގައިވެސް ކުންފުނިން ހިއްސާވުމަށް ފޭނުން އެދެމުންގެންދާކަމަށެވެ. 

މޯލްޑިވިއަން އައިޑަލް ސީޒަން 1 ގެނެސްދިނުމަށް ޕީ.އެސް.އެމްގެ ފަރާތުން 17 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާއިރު، 2 ވަނަ ސީޒަނަށް ޚަރަދުވާ ފައިސާގެ ބޮޑުބައެއް މިހާރު ހަމަޖެހިފައިވާކަން ޕީއެސްއެމުން ފާހަގަކުރެއެވެ. މޯލްޑިވިއަން އައިޑަލް ސީޒަން 2 އަންނަ ސެޕްޓެމްބަރު މަހު ލޯންޗްކުރުމަށް ނިންމާފައިވާއިރު، އެކަމަށްޓަކައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.