ޚަބަރު

އ.ދ. ގެ ކޮމިޓީ އޮން ދަ ޕީސްފުލް ޔޫސަސް އޮފް އައުޓާ ސްޕޭސްގެ މެންބަރުކަން ރާއްޖެއިން ހޯދައިފި


  • މިއީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖޭން ކުރާ މަސައްކަތްތަކަށް ލިބޭނެ އިތުރު ބާރެއް

  • ކަނޑުގެ ރައްކާތެރިކަން ހަރުދަނާކުރުމަށްވެސް އެހީތެރިވެދޭނެ

  • އިތުރު 5 ޤައުމަކުންވެސް ވަނީ މި ކޮމެޓީގެ މެންބަރުކަން ހޯދާފައި

ދިވެހިރާއްޖެއިން އ.ދ. ގެ ކޮމިޓީ އޮން ދަ ޕީސްފުލް ޔޫސަސް އޮފް އައުޓާ ސްޕޭސްގެ (ކޮޕުއަސް) މެންބަރުކަން ހޯދައިފިއެވެ.

މި ކޮމިޓީއަކީ، ބޭރު ޖައްވު ސުލްހަވެރިކަމާއެކު ދިރާސާކޮށް ބޭނުންކުރުމުގެ މަގްސަދު ހާސިލްކުރުމަށްޓަކައި ގައުމުތަކުގެ ދެމެދުގައި ބައިނަލްއަގްވާމީ ގުޅުން ބަދަހިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ އ.ދ. ގެ ކޮމިޓީއެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ، ކޮޕުއަސްގެ މެންބަރުކަން ހާސިލްކުރުމުގެ ސަބަބުން ރާއްޖެއަށް ބޭރު ޖައްވު ސުލްހަވެރިގޮތުގައި ބޭނުންކުރުމާ ގުޅޭ ބައިނަލްއަޤްވާމީ ޤާނޫނީ އޮނިގަނޑު ބައްޓަންކުރުމުގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން، ޖައްވާ ގުޅޭ ސައިންސް އަދި ޓެކްނޮލޮޖީގެ އެހީގައި ދެމެހެއްޓެނިވި ތަރައްޤީއާއި އީޖާދީ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި ރާއްޖެއަށް މުހިންމު ދައުރެއް އަދާ ކުރެވޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މިއީ ރާއްޖެއަށް ބޭރު ޖައްވުގައި ބެހެއްޓިފައިހުރި އުޅަނދުތައް މެދުވެރިކޮށް ލިބޭ މައުލޫމާތާއި ޑޭޓާގެ އެހީގައި މޫސުމީ ބަދަލުތައް ދުރާލާ ފުންކޮށް ދެނެގަތުމާއި، ކަނޑުގެ ރައްކާތެރިކަން ހަރުދަނާކުރުމާއި، ތިމާވެށި ރައްކާތެރިކޮށް ހިމާޔަތް ކުރުމުގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމާއި، ޤުދުރަތީ ކާރިސާތަކަށް ތައްޔާރުވުމުގެ ޤާބިލުކަން ވަރުގަދަކުރުމަށް މަގުފަހިވެގެންދާނެކަމެއްގެ ގޮތުގައި ޚާރިޖީ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖެއާއެކު، ހޮންޑޫރަސް، ޒިމްބާބްވޭ، މޯލްޓާ، ގަމްބިއާ އަދި ކޯޓްޑިވޯރވެސް މި ކޮމިޓީގެ މެންބަރުކަން ވަނީ ހޯދާފައެވެ.