ސައުދި އަރަބިއްޔާގެ ރިޔާދުގައި މިހާރު ކުރިއަށްދާ ޑަބްލިއު ޓީ އޭ ފައިނަލްސްގެ ސެމީ ފައިނަލުގެ ޖާގައެއް އަރީނާ ސަބަލެންކާ ހޯދައިފި އެވެ.
ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި ބެލަރޫސްގެ ސަބަލެންކާ މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އެމެރިކާގެ ކޮކޯ ގައުފު އާއި ދެކޮޅަށް ކުޅުނު މެޗު ހަތެއް ހައެއް އަދި ހައެއް ދޭއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
ސްޓެފީ ގްރާފް ގްރޫޕުގެ އެއްވަނަ ކުޅުންތެރިޔާގެ ގޮތުގައި ސެމީ ފައިނަލުގެ ޖާގައެއް ހޯދި ސަބަލެންކާ އާއި ދެކޮޅަށް ސެމީ ފައިނަލުގައި ނިކުންނާނީ އެނެމް ފަހުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައިވެސް އޭނާ އާއި ދެކޮޅަށް ކުޅުނު އަމަންޑާ އަނިސިމޯވާ އެވެ.
ގައުފު އާއި ދެކޮޅަށް ކުޅުނު މި މެޗުން ސަބަލެންކާ މޮޅުވެފައިވާއިރު މިއީ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި ގައުފު އަތުން ސަބަލެންކާ ބަލިވެފައިވާތީ އޭނާއަށް ލިބުނު ބަދަލު ހިފުމުގެ ރަގަޅު ނަތީޖާ އެކެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެމެރިކާގެ ޖެސިކާ ޕެގޫލާ އާއި ސެރީނާ ވިލިއަމްސް ގްރޫޕްގެ އެއްވަނަ ކުޅުންތެރިޔާގެ ގޮތުގައި ސެމީ އަށް ދަތުރުކުރި ކަޒަކްސްތާނުގެ އެލޭނާ ރައިބަކީނާ އެވެ.