އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ދައުލަތުގެ ބަޖެޓުގެ ބަހުސް ފަށައިފިއެވެ.
މަޖިލީހުން ނިންމާފައިވާގޮތުން ބަޖެޓް ބަހުސްގެ ފުރަތަމަ މަރުހަލާގައި ކޮންމެ މެންބަރަކަށްވެސް ބަހުސްކުރުމަށް ލިބޭނީ 15 މިނެޓެވެ. ބަހުސް ފެށުމުގެ ގޮތުން ހަތަރު މެންބަރަކަށް ރިޔާސަތުން ފުރުސަތު ދެއްވިއެވެ.
އަންނަ އަހަރަށް ލަފާކުރާ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓަށް ބަހުސް ކުރައްވަމުން މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީގު ވިދާޅުވީ ބަޖެޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދެވުމަށް އަމާޒު ހިފާފައިވާ ބަޖެޓެއް ކަމަށެވެ. އަދި މި ބަޖެޓާއެކު ސަރުކާރުން ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށްދީ، 2024ވަނަ އަހަރާ ހަމައަށް އިނދަޖެހިފައި ހުރި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އާރޯކަން އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
"އިގްތިސާދީ ދުވެލި އެއް ހަމައެއްގައި ހިފަހެއްޓި، ބޭރުގެ ދަރަނީގެ ބޮޑު ބައެއް އަދާކުރެވި، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލު އަންނާނެކަން މި ބަޖެޓުން އަޅުގަނޑަށް ޔަގީންވެގެންދާތީ މި ބަޖެޓަށް އަޅުގަނޑު ފުރިހަމައަށް ތާޢީދު ކުރަން." މަކުނުދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
ބަޖެޓަށް ބަހުސް ކުރައްވަމުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމްވެސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ އުއްމީދީ ބަޖެޓެއް ކަމަށެވެ. އަދި އެއީ މާލީ ކާރިސާއަކުން ޤައުމު ސަލާމަތްކުރުމަށް ވިސްނުން ބަހައްޓައިގެން އެކުލަވާލާފައިވާ ބަޖެޓެއް ކަމަށާއި މުހިންމު ދާއިރާތަކަށް ބޮޑެތި ޚަރަދު ކުރެވޭގޮތަށް ބަޖެޓު އެކުލަވާލާފައިވުމުން ސަރުކާރުން ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭން ބޭނުންވާކަން ހާމަވެގެންދާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ދައުލަތުގެ އާމްދަނީގެ ގޮތުގައި ހިލޭ އެހީން ލިބޭވަރު ކުޑަކޮށް އަންދާޒާކުރުމުން ޤައުމުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ބޭރު ނުފޫޒު ކުޑަވެ، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ އަމާޒު ހިފާފައިވާކަން ބަޖެޓުން ފާހަގަކުރެވޭ ކަމަށްވެސް އަނާރާ ވިދާޅުވިއެވެ.
"ފިސްކަލް ޕޮލިސީ ހަރުދަނާކޮށް، ޓެކްސް ބޮޔަންސީ ދަށްކުރެވިއްޖެނަމަ މި ބަޖެޓް ވެގެންދާނީ މި ފަހުގެ ތާރީޚުގައި ޤައުމަށް އެންމެ ފައިދާހުރި ބަޖެޓަށް،"
ބަޖެޓަށް ބަހުސް ކުރެއްވި މެންބަރުން ވަނީ ފުރިހަމަ މާނައިގައި އަންނަ އަހަރުގެ ބަޖެޓް ތަންފީޒުކުރެވިއްޖެނަމަ 2028 ވަނަ އަހަރަށް ކަނޑައަޅާފައިވާ ފިސްކަލް ލަނޑުދަނޑިތައް ހާސިލް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ. އަދި މި ބަޖެޓަކީ ރައްޔިތުންގެ އާމްދަނީއާއި ދިރިއުޅުމާ ގުޅިފައިވާ ސިޔާސަތުތަކާއި އަސާސީ ޚިދުމަތްތަކަށް ހައްލު ގެނެސްދޭނެ ބަޖެޓެއް ކަމަށްވެސް ވިދާޅުވިއެވެ.
ބަޖެޓުގެ ބަހުސްގައި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވަނީ ބަޖެޓާމެދު ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ. އެގޮތުން، ބަޖެޓުގައި ވަކިވަކި މަޝްރޫއުތައް ހިމަނާފައި ނެތުމަކީ ޤާނޫނާ ޚިލާފު ކަމެއްކަމަށް ޢަބްދުލްޣަފޫރު ފާހަގަކުރެއްވިއެވެ. މިއީ މިދިޔަ އަހަރުވެސް ބައެއް މެންބަރުން ފާހަގަކުރެއްވި ކަމެކެވެ. ނަމަވެސް ބަޖެޓުގައި ވަކި ދާއިރާތައް ޖުމްލަކޮށް ހިމަނާފައި އޮތުމުން ބަޖެޓު ހުށަހަޅާފައިވަނީ ރަނގަޅަށް ކަމަށް އޭރު މެންބަރުންވަނީ ވިދާޅުވެ ބަޖެޓް ފާސްކޮށްފައެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ބަހުސް ފަށާފައިވާއިރު އަންނަ ހަފުތާގެ އާދިއްތަ ދުވަހުވެސް ބަޖެޓުގެ ބަހުސް ކުރިއަށްގެންދިއުމަށް ޖަލްސާއެއް ބާއްވަން ރިޔާސަތުން ވަނީ ނިންމަވާފައެވެ. ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް އެކަމަށް ޚާއްސަ ކޮމިޓީންވެސް މިހާރު ވަނީ ފަށައިފައެވެ.