ޚަބަރު

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ކުއާޓާރ ފައިނަލާއި ހަމައަށް ދެވުމަކީވެސް ބޮޑު ކާމިޔާބީއެއް: ރަފާ


  • ކުއާޓާރ ފައިނަލުގައި ރާއްޖެ ބަލިބީ އަޒަރުބައިޖާން އަތުން

  • ރަފާ ބުނީ ކުއާޓަރ ފައިނަލް މެޗަކީ ރާއްޖެއަށް ކާމިޔާބު ކުރެވޭނެ ކަހަލަ މެޗެއް ކަމަށް

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް (ޓީޓީ) އިވެންޓުގައި ރާއްޖެއިން އެންމެންވެސް ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި، ކުއާޓާރ ފައިނަލާއި ހަމައަށް ދެވުމަކީވެސް ބޮޑު ކާމިޔާބީއެއްކަމަށް ދެކޭ ކަމަށް އައިޝަތު ރަފާ ނާޒިމް ބުނެފިއެވެ.

2022 ވަނަ އަހަރު އޮތް 5 ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ޓީޓީ އަންހެން ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ. އެ ޓީމުގައި ހިމެނުނު ރަފާ ބުނީ އެ ފަހަރާއި ބަލާއިރު މިފަހަރު ބައިވެރިވި ޓީމުތައްވެސް ގިނަ ކަމަށެވެ.

އަދި ކުއާޓަރ ފައިނަލް މެޗަކީ ރާއްޖޭގެ ޓީމަށް ކާމިޔާބު ކުރެވޭނެ ކަހަލަ މެޗެއް ކަމަށާއި އެހެންނަމަވެސް އެ މެޗު ދިޔައީ ބޭނުންވި ގޮތަށް ނޫން ކަމަށެވެ. އެހެންނަމަވެސް އަބަދުވެސް އުންމީދު އޮތް ކަމަށާއި، ކޮންމެ ކުޅުންތެރިއަކުވެސް މަސައްކަތް ކުރީ ޕޮއިންޓެއް ހޯދަން ކަމަށް ރަފާ ބުންޏެވެ.

ކޮންމެ މެޗެއްގައިވެސް ޑަބަލްސް ވަރަށް ރަނގަޅަށް ދިވެހި ކުޅުންތެރިން ކުޅުނުކަމަށް ރަފާ ވަނީ ފާހަގަކޮއްފައެވެ. މި ފަހަރު އޮތީ ޓީމު އިވެންޓަށް ބަދަލުގެނެސްފައިކަން ފާހަގަކުރަމުން ރަފާބުނީ ޑަބަލްސްގައި ވަރަށް ރަނގަޅަށް ކުޅެވުނު ނަމަވެސް ސިންގަލްސްގައި އުނދަގޫވި ކަމަށެވެ. އެހެންނަމަވެސް މިގޮތަށް ޑަބަލްސް އިވެންޓް ކުޅެން ދަސްވުމަކީ ހުރިހާ ކުޅުންތެރިންނަށް ލިބުނު ކުރިއެރުމެއް ކަމަށް ރަފާ ފާހަގަ ކުރިއެވެ.

ޓޭބަލް ޓެނިސް ޓީމު އިވެންޓުގެ ކުއާޓަރ ފައިނަލްގައި އަޒަރުބައިޖާނުން ރާއްޖޭގެ މައްޗަށް ކުރި ހޯދީ ސީދާ 4 ގޭމުންނެވެ.

އަންހެން ޓޭބަލް ޓެނިސް ޓީމު އިވެންޓުގައި އަޒަރުބައިޖާނާ ދެކޮޅަށް ކުޅުނު ފުރަތަމަ ޑަބަލްސް މެޗުގައި ކުޅުނީ ދީމާ އާއި ރަފާގެ ޕެއާއިންނެވެ. މި ގޭމުގެ ފުރަތަމަ ސެޓު ދީމާ އާއި ރަފާ ގެންދިޔަ ނަމަވެސް، ޖެހިގެން އައި ދެ ސެޓު ކާމިޔާބުކޮށް އަޒަރުބައިޖާނުން ވަނީ ޓީމު އިވެންޓުގެ ފުރަތަމަ ޑަބަލްސް މެޗު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ކުޅުނު ޑަބަލްސް މެޗު އަޒަރުބައިޖާނުން ކާމިޔާބުކުރީ 4-11، 11-4 އަދި 11-9 އިންނެވެ.

މި މެޗުގެ ދެވަނަ ގޭމު ކަމަށްވާ ސިންގަލްސް މެޗުގައި ނިކުތީ އައިޝަތު އަލްސާ ނާފިޒެވެ. މި ގޭމު އަޒަރުބައިޖާނުން ގެންދިޔައީ 11-2، 11-4 އަދި 7-11 އިންނެވެ.

ކުއަޓަރ ފައިނަލްގެ ޓީމު އިވެންޓުގެ ތިންވަނަ ސިންގަލްސްގައި އަޒަރުބައިޖާންއާ ދެކޮޅަށް ރާއްޖެއިން ނިކުތީ ފާތިމަތު ދީމާ ޢަލީއެވެ. މި މެޗުގެ ސެޓުތައް އަޒަރުބައިޖާންގެ ޓީމުން ގެންދިޔައީ 11-2، 12-10 އިންނެވެ. ކުޅުން ރަނގަޅުކޮށް މި ގޭމުގެ ފަހު ސެޓު ދީމާ ކާމިޔާބުކުރީ 11-8 އިންނެވެ.

ޓީމު އިވެންޓުގެ ތިންވަނަ ސިންގަލްސްގައި އަޒަރުބައިޖާންއާ ދެކޮޅަށް ރާއްޖެއިން ނިކުތީ އައިޝަތު ރަފާ ނާޒިމެވެ. މި ގޭމު އަޒަރުބައިޖާނުން ގެންދިޔައީ 12-10، 11-9 އިންނެވެ. ރާއްޖޭގެ އަންހެން ޓީމަށް ޓީމު އިވެންޓުގައި 3 މެޗު ކުޅުނުއިރު، 1 މެޗު ކާމިޔާބުކޮށް، 2 މެޗުން ވަނީ ބަލިވެފައެވެ.