ޚަބަރު

ރައްޔިތުން ފަޚުރުވެރިވާނެ، ތަރައްޤީގެ އުޖާލާ ދުވަސްތަކެއް ހޯދައިދޭނަން: ރައީސް


  • ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދައިދެނީ އިޚްލާސްތެރިކަމާއެކު ކުރެވޭ މަސައްކަތުން

  • ދިވެހި ރައްޔިތުންގެ ބަދަހިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވި

ދިވެހިން ފަޚުރުވެރިވާނޭ ތަމައްދުނާއި ތަރައްޤީގެ އުޖާލާ ދުވަސްތައް މިޤައުމަށް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައިވަނީ ޖުމްހޫރީ ދުވަހުގެ އިޚްލާސްތެރި ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހި ރައްޔިތުންނަށް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިންގެ ރާއްޖެ ދިވެހީންނަށް ހޯދައިދީ ރައްޔިތުން އެދޭ އަމާޒުތައް ޙާސިލްކޮށްދިނުމަށް މިސަރުކާރުން ފައްޓަވާފައިވާ ދަތުރުގައި ކުރިއަށްދާނީ މާތްﷲގެ ޙަޟްރަތުން ވާގިއެދިތިބެ އިޚްލާސްތެރިކަމާއެކުގައިކަމަށެވެ. އަދި ދިވެހިން ފަޚުރުވެރިވާނޭ ތަމައްދުނާއި ތަރައްޤީގެ އުޖާލާ ދުވަސްތައް މިޤައުމަށް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ ދިވެހި ރައްޔިތުންގެ ބަދަހިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހި ޤައުމަށް ބާއްޖަވެރިކަމާއި ފާގަތިކަން ދެއްވުން އެދި އެމަނިކުފާނުގެ ޕޯސްޓުގައިވަނީ ދުޢާ ކުރައްވާފައެވެ.

ޖުމްހޫރީ ދުވަހަކީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހެވެ. ޖުމްހޫރީ ދުވަހަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ޤާއިމުކުރެވުނު ދުވަހެވެ. މިއަދު މިފާހަގަކުރަނީ ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތެއް ޤާއިމު ކުރެވުނުތާ 57 އަހަރުފުރޭ ދުވަސްވެސްމެއެވެ.