ބައިނަލްއަގްވާމީ މުބާރާތަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑައްޔާއި ހަނދާނީ ލިޔުން ގައުމީ ޓޭބަލް ޓެނިސް ޓީމު ދެ ކުޅުންތެރިންކަމަށްވާ މޫސާ މުންޞިފް އަޙްމަދާއި ޢާއިޝަތު ރަފާ ނާޡިމަށް ލިބިއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގައި މި އިނާމު ރަފާ އާއި މުންސިފަށް މި އިނާމު ލިބޭކަން އިއުލާނުކުރައްވާފައިވާއިރު މި ދެ އެތުލީޓުންވެސް މިވަގުތު ތިބީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެ ތަމްސީލުކުރުމަށް ސައުދީ އަރަބިއްޔާގެ ރިޔާޟުގައެވެ.
މުންޞިފް އަދި ރަފާއަށް މި އިނާމު ދީފައިވަނީ 2023 ވަނަ އަހަރު މަޑަގަސްކަރައިގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިސް މިކްސްޑް ޑަބަލްސް އިވެންޓުން ރަން މެޑަލް ހާސިލުކޮށްފައިވާތީއެވެ. ރަފާއަށް މި އިނާމު ފަހުން ހަވާލުކޮށްދިނުމަށް ނިންމާފައިވާއިރު މުންޞިފުގެ އިނާމާ ހަވާލުވެފައިވަނީ އޭނާގެ ދަރިފުޅު މަކާއިލް މުންޞިފް އަހުމަދެވެ.
މޮރިޝަސްގައި ބޭއްވި ޓޭބަލް ޓެނިސް އަންހެން ޑަބަލްސް އިވެންޓުން ޗެމްޕިއަންކަން ހޯދާ ރަން މެޑަލް ހާސިލުކޮށްފައިވާތީ 2019 ވަނަ އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުވެސް ރަފާއަށް ދީފައެވެ. ރަފާ ވަނީ ގައުމީ ޓީޓީ ތަށި ތިންފަހަރު ކާމިޔާބުކޮއްފައެވެ.
މެލޭޝިއާގެ އިންތި ޔުނިވަރސިޓީ ކޮލެޖުން 2009 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ހާޓްފޯޓްޝެއަރއިން ބެޗްލަރ އޮފް އަރޓްސް ބިސްނަސް އެޑްމިނިސްޓްރޭޝަން ކޯސް ފުރިހަމަކޮށް އެ ކޯހުން އެއްވަނަ ހޯދާފައިވާތީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމުވެސް މުންޞިފަށް ލިބިފައިވެއެވެ. ފިރިހެން ގައުމީ ޓީޓީމުގެ ކެޕްޓަނަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު ފިރިހެން ޓީޓީ ކުޅުންތެރިއާއެވެ. މުންސިފް ވަނީ ރާއްޖޭގައި ބާއްވާ ޓީޓީގެ އެންމެ ޝަރަފްވެރި މުބާރާތް ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ދިހަ ފަހަރު ހޯދާފައެވެ.