ޚަބަރު

މޯލްޑިވްސް-މޮރޮކޯ ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕެއް އުފެއްދުމަށް މަޝްވަރާކުރައްވައިފި


  • ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޖިލީހުގެ ރައީސް މަޝްވަރާކުރެއްވި

މޯލްޑިވްސް-މޮރޮކޯ ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕެއް އުފެއްދުމުގެ މަޝްވަރާތައް ބާއްވައިފިއެވެ.

މި މަޝްވަރާތައް ބޭއްވީ މޮރޮކޯގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ، ހައުސް އޮފް ކައުންސިލަރސްގެ ރައީސް، އޮނަރަބަލް މުޙައްމަދު ވުލްދު އައްރަޝީދުގެ އަރިހަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ކުރެއްވި އިޚްތިރާމްގެ ޒިޔާރަތެއްގައެވެ.

މި ބައްދަލުވުން އޮތީ، އިސްލާމްއާބާދުގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސް އައި.އެސް.ސީގެ ހަވާސާގައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި މޮރޮކޯއާ ދެމެދު އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހާއި މޮރޮކޯގެ ޤާނޫނު ހަދާ މަޖިލީހާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުން ވަރަށް އަވަހަށް މޯލްޑިވްސް-މޮރޮކޯ ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕެއް އުފެއްދުމުގެ މަސައްކަތްކުރައްވާނެކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެެވެ. އަދި، މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ތަމްރީނުގެ ފުރުޞަތުތައް ހޯދުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.