އޮޕަރޭޝަން އަލިމަގުގެ ތެރެއިން އުތުރުގެ އަތޮޅުތަކުގައި ހިމެނޭ ރަށްރަށުން 17 ގެއެއް ބަލައި ފާސްކޮށް، 12 މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
އޮޕަރޭޝަން "އަލިމަގު"އަކީ މަސްތުވާތަކެތީގެ ނެޓްވަރކްތައް ހޯދައި، މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އެންގެވުމަކަށް ފުލުހުން ފެށްޓެވި ޚާއްސަ އޮޕަރޭޝަނެކެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނޯތު ޕޮލިސްގެ ކޮމާންޑަރ ޗީފް ސުޕްރިޓެންޑެންޓް އިބްރާހިމް ނަބީލް ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން އުތުރުގެ ރަށްރަށުން 17 ގެއެއް ބަލައި ފާސްކޮށް، 12 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތްތައް ކަމުގައިވާ ކެނެބިސް، މެތު އަދި ހެރޮއިންކަމަށް ޝައްކުކުރެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ނަބީލް ވިދާޅުވިއެވެ.
ނަބީލް ވިދާޅުވީ އޮޕަރޭޝަން އަލިމަގުގެ މަޤުޞަދަކީ މަސްތުވަތަކެތީގެ ވިޔަފާރިކުރާ ވިއުގަތައް ހުއްޓުވައި، މަސްތުވާތަކެތި މުޅި ދިވެހި މުޖުތަމަޢުން ނައްތާލުން ކަމަށެވެ. އަދި އެ ތަކެތި މުޖުތަމަޢުގައި ދައުރުކުރާ މީހުން ޤާނޫނުގެ ކުރިމައްޗަށް ގެނެސް، ފިޔަވަޅު އެޅުމަކީވެސް އޮޕަރޭޝަންގެ މަޤުޞަދެއްކަމަށް އޭނާ ވިދާޅުވިއެވެ.
ނަބީލް ވިދާޅުވީ މި އޮޕަރޭޝަން ކުރިއަށްގެންދިއުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބިފައިވާ ކަމަަށެވެ.
6 މަސް ދުވަހުން ފުލުހުން އެއްކޮށްފައިވާ އިންޓަލެޖެންސް މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް "އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ޚާއްސަ އޮޕަރޭޝަނެއް ފެށީ މިއަދު ހެނދުނު 05:30 ގައެވެ. މި އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ޖުމުލަ 86 ތަނެއް ބަލައި ފާސްކޮށް، 97 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
އަލިމަގު އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ޤާނޫނު ތަންފީޒުކުރުމުގެ ޢަމަލީ މަސައްކަތް ދަނީ ކުރަމުންނެވެ.
"އޮޕަރޭޝަން އަލިމަގު" އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ. މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެކެވެ.