ޚަބަރު

އަމަލުކުރެވުނީ ރަނގަޅަށް ނޫން، މައާފަށްއެދެން: އައިހަމް


  • އަމަލުކުރެވުނީ ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ކިބައިގައި ހުންނަށްޖެހޭ މިންގަނޑުން ބޭރުން ކަމަށް އައިހަމް ބުނި

  • އަލުން އިތުބާރު ހޯދަން މަސައްކަތް ކުރާނެ ކަމަށް އޭނާ ބުނި

ގައުމީ ފުޓްބޯޅަ ޓީމުން ވަކިކޮށްފައިވާ މިޑްފީލްޑަރު އަޙްމަދު އައިހަމް މައާފަށް އެދިއްޖެއެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އައިހަމް ގައުމީ ޓީމުން ވަކިކުރީ ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް ނައިސް ހުއްދަ ނުހޯދާ އޭނާގެ އުފަންރަށް ހއ. އުތީމުގައި އޮތް ފުޓްސަލް މުބާރާތެއްގައި ކުޅުމުގެސަބަބުންނެވެ.

މިކަމާއި ގުޅޭ ގޮތުން އައިހަމް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އޭނާއަށް ކަންތައް ކުރެވުނު ގޮތާމެދު ފުޓްބޯޅަ އެެސޯސިއޭޝަނާއި ކޯޗިން ސްޓާފުންގެ ކިބައިންނާއި ގައުމީ ޓީމުގެ އެންމެހާ ކުޅުންތެރިންނާއި ފުޓްބޯޅައަށް ލޯބިކުރާ އެންމެންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.

އަދި އެކަމުގެ ފުރިހަމަ ޒިންމާ އޭނާ ނަގާ ކަމަށާއި އޭނާގެ އެ އަމަލަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ގަބޫލުކުރާކަމަށް އައިހަމްގެ ބަޔާނުގައިވެއެވެ.

އޭނާއަށް ކަންތައް ކުރެވުނީ ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ކިބައިގައި ހުންނަންޖެހޭ މިންގަނޑުން ބޭރުންކަމަށް ގަބޫލުކުރާކަމަށްވެސް އައިހަމް ބުނެފައިވެއެވެ.

ގައުމީ ޓީމު ތަމްސީލުކުރުމަކީ ކޮންމެ އެތުލީޓަކަށްވެސް ބޮޑު ފަޚުރެއް ކަމަށާއި ގައުމީ ޓީމަށް ދެމުން އައި އަހަންމިއްޔަތާއި އޭނާއަށް އޮތް އިތުބާރަށް ބުރޫއަރާފައިވާތީ އެކަމާ ހިތާމަކުރާ ކަމަށްވެސް އައިހަމް ބުނެފައިވެއެވެ.

އަދި މިކަމުން ރަނގަޅު ފިލާވަޅެއް ލިބިއްޖެ ކަމަށާއި އެފްއޭއެމް އާއި ގައުމީ ޓީމާއި ސަޕޯޓަރުންގެ އިތުބާރު އަލުން ހޯދަން ގަދަ އަޅާ މަސައްކަތް ކުރާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ގައުމީ ޓީމުގެ މުހިންމު މެޗެއް ކުރިމަތީގައި އޮއްވާ އައިހަމް ޓީމުން ވަކިކުރީ 10 ނޮވެމްބަރުގައެވެ.

ގައުމީ ޓީމުން ތައްޔާރުވަމުން އަންނަނީ މިމަހުގެ 18 ގައި އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޕިލިޕީންސްއާއި ދެކޮޅަށް ކުޅޭ މެޗަށެވެ.

އައިހަމް ވަނީ އެންމެ ފަހުން ގައުމީ ޓީމުން ކުޅުނު މެޗުތަކުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސްއާއި ދެކޮޅަށް ކުޅުނު މެޗާއި ރާއްޖޭގައި ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން ސްރީލަންކާގައި އޮތް ސައުތު އޭޝިއަން ސުޕަކަަޕުގައި އައިހަމް ވަނީ ދިވެހި ޓީމަށް މޮޅު ކުޅުމެއް ދައްކާފައެވެ. އައިހަމަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގައިވެސް މުހިންމު ކުޅުންތެރިއެކެވެ.