ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ފިރިހެން ހޭންޑް ބޯޅަ ޓީމު ޔުނައިޑެޓް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަތުން ބަލިވެއްޖެއެވެ.
މި މުބާރާތުގައި އިއްޔެ ކުޅުނު ރާއްޖޭގެ ފިރިހެން ޓީމުގެ ފުރަތަމަ މެޗުގައި، މެޗު ފެށިގެން ފުރަތަމަ ލީޑް ނަގާ ކުރި ހޯދީ ޔޫއޭއީންނެވެ. މެޗުގެ ފުރަތަމަ ހާފްގެ 5 މިނިޓް ނިމުނު އިރުގައި ކުރީގައި އޮވެގެން ކުޅެމުންދިޔައީ ޔޫއޭއިންނެވެ. އަދި ރާއްޖޭގެ މުހައްމަދު އަސްލަމް ކުރި ފައުލްއަކާއި ގުޅިގެން 2 މިނެޓަށް އޭނާވަނީ ކޯޓުން ބޭރުކޮށްފައެވެ. މެޗުގައި ކުރިއަށް ދިއުމަށް ރާއްޖެއިން ވަރަށް ގިނަ ގޮތް ގޮތުން މަސައްކަތް ކުރިއެވެ.
އެހެންނަމަވެސް ޔޫއޭއީގެ ކުޅުންތެރިންގެ ވަރުގަދަކަމާ ހެދި ގޯލު ޖެހުމަށް ކުރި މަސައްކަތްވަނީ ނާކާމިޔާބުވެފައެވެ. މެޗުގައި އެންމެ ބޮޑު ތަފާތަކަށް ފެނިގެންދިޔައީ ޔޫއޭއީގެ ކުޅުންތެރިންގެ ހަވުލިކަމާއި ވަރުގަދަކަމެވެ. ގިނަ ގޯލުތައް އެޓީމުން ޖަހާފައިވަނީވެސް އެ ހަލުވިކަން ބޭނުންކޮށް، ކައުންޓަރ އެޓޭކްތަކުގައެވެ. ރާއްޖެއިން ގޯލު ޖެހުމަށް އެންމެ ބޮޑު ހުރަހަކަށްވީ ޔޫއޭއީގެ ޑިފެންސްއެވެ. ޔޫއޭއީގެ ޑިފެންސް ފެނިގެން ދިޔައީ ވަރަށް ބޮޑަށް އޯގަނައިޒްކޮށެވެ.
މެޗުގެ ފުރަތަމަ ހާފްގެ 15 މިނިޓްގެ ކުޅުން ނިމުނުއިރު، ރާއްޖެއަށް ގޯލު ޖެހުމަށް ތިން ޕެނަލްޓީ ލިބުނުނަމަމަވެސް ޕެނަލްޓީތަށް ކާމިޔާބު ކުރެވޭ ގޮތެއްވެސް ނުވިއެވެ. ޔޭއޭއީގެ ގޯލަށް ފޮނުވާލި މަދު ހަމަލާތަކުގެ ހުރަކަށްވީ ޔޫއޭއީގެ ގޯލް ކީޕަރ ސަލިމްއެވެ. މިހާފްގައި ޔޫއޭއީ ޓީމުގެ ފަރާތުން އެންމެ މޮޅު ކުޅުމެއް ފެނިގެންދިޔައީ އެޓީމުގެ ސައިފުގެ ފަރާތުންނެވެ.
މިހާފްގައި ރާއްޖޭގެ އަބްދުﷲ ނާޖީ ކުރި ފައުލަކާއި ގުޅިގެން އޭނާއަށްވަނީ ރަތް ކާޑު ދައްކާ ކޯޓުން ފޮނުވާލާފައެވެ. ފުރަތަމަ ހާފްގައި ރާއްޖޭގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ މެޗްގެ 22 ވަނަ މިނެޓްގައި އަހުމަދު ރައުލެވެ. ކުޅުމަށް ގެނައި ބަދަލުތަކާއެކު ރާއްޖެއިން ގާތް ގާތުގައި ތިން ގޯލު ޖެހިއެވެ. މެޗުގެ ފުރަތަމަ ހާފް ޔޫއޭއިން ކާމިޔާބުކޮށްފައިވަނީ 27 ގޯލް 3 ގޯލުންނެވެ.
މެޗުގެ ދެވަނަ ހާފް ފެށިގެން ވަރަށް ކުރީކޮޅުގައި ރާއްޖެއިންވަނީ ގޯލެއް ޖަހާފައެވެ. މި ގޯލްވެސް ޖަހާދީފައިވަނީ އަހުމަދު ރައުލް އައްސަދުއެވެ. މެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ރާއްޖެއަށް ޔޫއޭއީގެ ގޯލް ފޫއަޅުވާލުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވިއެވެ. ނަމަވެސް ރާއްޖޭގެ ކުޅުން ރަނގަޅުކުރުމުގެ ނަތިޖާއެއްގެ ގޮތުން ދެވަނަ ހާފްގެ 10 ވަނަ މިނިޓްގައި ވަނީ ގޯލެއް ޖަހާފައެވެ. މިގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ރަޒުނީ މުހައްމަދުއެވެ. އަދި ދެވަނަ ހާފްގެ 14 ވަނަ މިނިޓުގައިވެސް ރަޒްނީ ވަނީ ގޯލެއް ކާމިޔާބުކޮށްދީފައެވެ.
ޖެހިގެން އައި މިނެޓުގައި ރާއްޖެއިން ޖެހި ގޯލް ކާމިޔާބުކޮށްދިނީ މުހައްމަދު އަސްލަމްއެވެ. ދެވަނަ ހާފްގެ މެދަކާއި ހަމައަށް ދިޔައިރު ޔޫއޭއީން ވަނީ 33 ޕޮއިންޓަށް ލީޑު ފުޅާކޮށްފައެވެ. ރާއްޖެއިން ލީޑު ފުޅާވިޔަނުދިނުމަށް ކުރަމުންދިޔަ މަސައްކަތަށް ހުރަސް އެޅިގެންދިޔައީ ރާއްޖޭން ލަނޑެއް ޖަހާއިރަށް ޖެހިޖެހިގެން ޔޫއޭއީންވެސް ލަނޑުތައް ޖަހަމުން ގެންދިއުމުންނެވެ.
މި މެޗުގައި ރާއްޖެއިން ޖެހި 10 ވަނަ ގޯލް ކާމިޔާބުކޮށްދިނީ މުހައްމަދު އުމެއިސްއެވެ. މެޗްގެ 21 ވަނަ މިނިޓްގައި ޔޫއޭއީއަށް ލިބުނު ޕެނަލްޓީއެއް ވަނީ ރާއްޖޭގެ ކީޕަރު އަހުމަދު އިނާޝް ވަރަށް ހުށިއާރުކަމާއެކު ދިފާޢުކޮށްފައެވެ. މިމެޗު ޔޫއޭއީން ކާމިޔާބުކޮށްފައިވަނީ 10–53 އިންނެވެ.
މިމުބާރާތުގައި ރާއްޖޭގެ ފިރިހެން ހޭންޑް ބޯޅަ ޓީމުގެ މެޗެއް ދެން އެންމެ އަވަހަށް އޮންނާނީ އަންނަ އާދީއްތަ ދުވަހުއެވެ. އާދިއްތަ ދުވަހު ރާއްޖެ ގަޑިން މެންދުރު 2 ޖަހާއިރު ރާއްޖެ ނިކުންނާނީ އިރާން އާއި ދެކޮޅަށެވެ. ފިރިހެން ޓީމް ހިމެނެނީ ގުރޫޕް އޭގައެވެ. މި ގުރޫޕްގައި ހިމެނެނީ ގަތަރު، އިރާން، ޔޫއޭއީ އަދި ދިވެހިރާއްޖެއެވެ. ވޯލްޑް ރޭކިންގައި ގަތަރު އޮތީ 19 ވަނައިގައެވެ. އިރާން 50 ވަނައިގައި އޮތްއިރު، ޔޫއޭއީ އޮތީ 57 ވަނައިގައެވެ.
މިމުބާރާތުގެ މެޗެއް މިއަދުވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ. ރާއްޖޭގެ އަންހެން ހޭންޑް ބޯޅަ ޓީމު މިއަދު ރާއްޖެ ގަޑިން މެންދުރު 2 ޖަހާއިރު ނިކުންނާނީ ތުރުކީއާއި ދެކޮޅަށެވެ. އަންހެން ޓީމު ލައްވާލާފައިވަނީ ގުރޫޕް އޭގައެވެ. މި ގުރޫޕްގައި ހިމެނެނީ އިރާން، ތުރުކީ، ގިނީ އަދި ދިވެހިރާއްޖެއެވެ. ވޯލްޑް ރޭކިންގައި ތުރުކީ އޮތީ 23 ވަނައިގަ، އިރާން އޮތީ 56 ވަނައިގައެވެ.