ޚަބަރު

މަންދޫ ޒުވާނުން 10 އަހަރު އެދިއެދި ތިބި ފުޓްސަލް ދަނޑު އެއްމަސްތެރޭ ނިންމައި ހުޅުވައިދެއްވައިފި


  • މަންދޫ ޒުވާނުން މިކަމަށް އެދިއެދި ތިބޭތާ މިވީ 10 އަހަރު

  • މިދަނޑުގައި ދުވާލާއި ރޭގަނޑުވެސް ކުޅެވޭ ގޮތަށް އިންތިޒާމު ވަނީ ހަމަޖައްސާފައި

މަންދޫ ޒުވާނުން 10 އަހަރު ވަންދެން އެދިއެދި ތިބި ފުޓްސަލް ދަނޑުގެ މަސައްކަތް އެއްމަސްތެރޭ ނިންމައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައި ދެއްވައިފިއެވެ.

‎މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަންދޫ ފުޓްސަލް ދަނޑުގެ ނުނިމި ހުރި މަސައްކަތްތައް ނިންމާ ބޭނުން ކުރެވޭނެ ގޮތް ހަދައިދެއްވުމަކީ އެރަށު ޒުވާނުން ރައީސް އެރަށަށް ކުރެއްވި ދަތުރުގައި އެދުނު ވަރަށް ބޮޑުއެދުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ މިދިޔަ މަހު އެރަށަށް ކުރެއްވި ޒިޔާރަތުގެތުގައި އެރަށުގެ ރައްޔިތުންވަނީ މިމަހު އެއަތޮޅުގައި އޮންނަ މުބާރާތަކަށް ދަނޑު ނިންމާ ދެއްވައި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޑަ ވަގުތުކޮޅަކު ނަމަވެސް ބައިވެރިވަޑައިގެން ދެއްވުމަށް ރައީސަށް ދައުވަތު ދެއްވާފައެވެ. މަންދޫގައި ފުޓްސަލް ދަނޑެއް ނެތި އަހަރުތަކެއް ވެފައިވާއިރު މިއީ ޒުވާނުންނަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއްކަމަށް އެރަށުގެ ގިނަ މީހުން ދެކެއެވެ.

ޒުވާނުންގެ މިއެދުމާއި އެއްގޮތަށް ދޮޅުމަހެއްހާ ދުވަހުން މަސައްކަތް ނިންމާ މިއަދު އެ ދަނޑު ހުޅުއްވާ ދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ފުޓްސަލް މެޗެއް އެދަނޑުގައި ކުޅުއްވާފައެވެ. މަންދޫގެ ޓީމަކާއެކު ކުޅުނު މި މެޗުގައި ރައީސްގެ ޓީމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. ދަނޑު ހުޅުވުމަށް ވަޑައިގެން ރައީސް ރައްޔިތުންނާއިއެކު ވަގުތުކޮޅެއްހޭދަ ކުރެއްވުމުން، އެރަށުގެ ޒުވާނުންގެ ފަރާތުން ވަނީ ރައީސަށް ޚާއްސަ ޕްލާކެއްވެސް އަރުވާފައެވެ.

މަންދޫ ފުޓްސަލް ދަނޑުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް އެމްޓީސީސީއާއި ކުޅިވަރު ވުޒާރާއިން ހަވާލުކުރެއްވީ 1 އޮކްޓޫބަރުގައެވެ. މި ދަނޑުގެ މަސައްކަތް ނިންމާފައިމިވަނީ ރޭގަނޑުވެސް އެތަން ބޭނުން ކުރެވޭ ގޮތަށް ލައިޓް ހަރުކޮށް، ވަށާފާރު ރާނާ ފެންސް ޖަހާ، ޓާފް އަޅައިގެންނެވެ.

‎މިއީ މަންދޫގެ ޒުވާނުންގެ އުންމީދުތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެކެވެ. މި ދަނޑުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ކުރިއެރުންތައް ލިބި އެއްބައިވަންތަކަށް ދެމެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ.

މަންދޫގައި އަންނަނީ ފުޓްބޯޅަ ދަނޑެއްވެސް ތަރައްޤީކުރަމުންނެވެ. އެ މަސައްކަތްވެސް ކުރިޔަށް ގެންދަނީވެސް އެމްޓީސީސީންނެވެ. މި މަޝްރޫއުގެ ދަށުން އެ ދަނޑުގެ ވަށާފާރު ރޭނުމާއި، ސްޓޭޑިއަމްގައި ލައިޓް ހަރުކުރުމާއި ސަބްބޭސް ތައްޔާރުކުރުމާއި، ޓާފް އެޅުމުގެ މަސައްކަތް އެމްޓީސީސީން ކުރިޔަށް ގެންދާނެއެވެ.