ޚަބަރު

ރައީސްގެ ދަރިކަލުންގެ ކަރާމާތް ގެއްލޭގޮތަށް ދެއްކި ވާހަކަތަކުގެ ޒިންމާ އެމްޑީޕީން ނަގަންޖެހޭކަމަށް ޙުކުމްކޮށްފި


  • އެމްޑީޕީން އެވާހަކަތައް ހުއްޓުމުގައި ބަދަލުގައި ވާހަކަތަކަށް ދިނީ ހިއްވަރު

  • ބަދަލު ހޯދުމުގެ ހައްޤު ލިބޭކަމަށް ފެމިލީ ކޯޓުގެ ހުކުމުގައިވޭ

ރައީސްގެ ދަރިކަލުންގެ ކަރާމާތް ގެއްލޭގޮތަށް ދެއްކި ވާހަކަތަކުގެ ޒިންމާ އެމްޑީޕީން ނަގަންޖެހޭކަމަށް ފެމިލީ ކޯޓުން ޙުކުމްކޮށްފިއެވެ.

ފެމިލީ ކޯޓުން މިގޮތަށް ޙުކުމް ކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދޮށީ ފިރިހެން ދަރިކަލުންގެ ހައްޤުތަކަށް އަރައިގަތް މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ފަރާތުން ކޯޓަށް ހުށަހެޅުއްވުމުންނެވެ.

ފެމިލީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ މިދިޔަ މާރިޗު މަހު އެމްޑީޕީން ސިލްސިލާކޮށް ބޭއްވި އެއްވުމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދޮށީ ފިރިހެން ދަރިކަލުންނަށް ކުޑަކުއްޖެއްގެ ހައިސިއްޔަތުން ޤާނޫނު އަސާސީންނާއި ޤާނޫނުތަކުން، އަދި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކުން، ލިބިދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ މައްސަލައެކެވެ. މި މައްސަލައިގައި ދައުވާކޮށްފައިވަނީ މަރިޔަމް ޒުބައިރާއި އެމްޑީޕީ އަދި އެ ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛު ފައްޔާޒު އިސްމާޢީލްގެ މައްޗަށެވެ.

ވަކި ދެ މައްސަލައެއް ގޮތުގައި ފެމިލީ ކޯޓުގައި ކުރިއަށް ގެންދިޔަ މައްސަލަތަކަށް މިހާރު މިވަނީ ހުކްމްކޮށްފައެވެ. މިމައްސަލަތަކަށް ކުރި ހުކުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޢާއިލާ ތަމްސީލް ކުރައްވާ ޤާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ވިދާޅުވީ، އެމްޑީޕީގެ އެއްވުމުގައި އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބެއިރު އަދި އަޙްމަދު ސަލީމް (މާޒް ސަލީމް) ދައްކާފައިވާ ވާހަކަތުން ކުޑަކުއްޖެއްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންނަށް ލިބިދީ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ފެމިލީ ކޯޓުން ނިންމާފައިވާ ކަމަށެވެ. އަދި އެވާހަކަތަކަށާއި އެވާހަކަތަކުގެ ނަތީޖާއަށް އެއްވުން ބޭއްވި އެމްޑީޕީ އާއި މަޤާމުގެ ހައިސިއްޔަތުން އެޕާޓީގެ ޗެއަރޕާސަން ފައްޔާޟް ޢިސްމާޢިލް ޒިންމާ ނަގަންޖެހޭ ކަމަށްވެސް ޙުކުމް ކޮށްފައިވާ ކަމަށެވެ.

ޙުކުމުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމުގެ ތެރޭގައި، މަރިޔަމް ޒުބެއިރު އަދި އަހުމަދު ސަލީމް ދެއްކެވި ވާހަކަތައް އެމްޑީޕީ އަދި ފައްޔާޟް ޢިސްމާޢިލް ޒިންމާ ވާންޖެހޭ ކަމަށާއި، އެވާހަކަތައް މަނާކުރުމުގެ ބައްދަލުގައި ޗެއަރޕާސަން ފައްޔާޟް އެވާހަކަތަކަށް ހިއްވަރު ދެއްވާފައިވާކަން ސާބިތުވާކަމަށެވެ. އެހެންކަމުން މަރިޔަމް ޒުބައިރު އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އަތުން ބަދަލު ހޯދުމުގެ ހައްޤު މަންމައެއްގެ ހައިސިއްޔަތުން މިމައްސަލާގައި ދައުވާކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް ލިބިލައްވާ ކަމަށް ފެމިލީ ކޯޓުގެ ހުކުމާއި ހަވާލާދީ ޤާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވިއެވެ.

މީގެ އިތުރުން ޤާނޫނު އަސާސީއާއި ޤާނޫނުތަކުން ކުޑަކުދިންގެ ހައްޤުތައް ކަށަވަރުކޮށްދޭ ކަމަށާއި އެހެން ކަމުން މިކަން ތަންފީޒުކުރަން މުޢައްސަސާތަކުގެ މައްޗަށް އިތުރު އަމަރެއް ނެރެންޖެހޭކަމަށް ނުފެންނަ ކަމަށް ކޯޓުގައި ހުކުމުގައި ވާކަމަށް ވަކީލުންގެ ޓީމުން ވިދާޅުވިއެވެ. އެހެންނަމަވެސް މުޢައްސާސަތުން ކުޑަކުދިންގެ ހައްޤަކަށް އަރައިގަތުމުގެ ފުރުސަތު ނުދެވޭނެކަން ފާހަގަކޮށް އެ ފަދަ މައްސަލައެއް ކުރިއަށް ގެންދަން އެދޭނަމަ މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮތްކަން ފެމިލީ ކޯޓުގައި ހުކުމުގައި ވެއެވެ. މީގެ އިތުރުން ކުޑަކުދިންގެ މައްސަލަތަކުގައި ޖޫރިމަނާ ކުރުމާއި ފިޔަވަޅު އެޅުމުގެ ބާރު ކަމާބެހޭ ވުޒާރާއަށް ލިބިދީފައިވާ ކަމަށް ކޯޓު ހުކުމާއި ހަވާލާދީ ފެމިލީ ކޯޓުން ވިދާޅުވިއެވެ.

މިމައްސަލާގައި ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްޤު ލިބިދީފައިވީނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އަދި އެމަނިކުފާނުގެ އަނބިކަނބަލުންގެ ފަރާތުން ހުށަނާޅުއްވާނެ ކަމަށް ވަކީލުން ވިދާޅުވިއެވެ. އަދި މިކަމުގެ މަދަނީ ދައުވާގައިވެސް ބަދަލު ހޯދުމުގެ ހައްޤު ލިބިގެންވާކަމަށް ކަނޑައެޅި ނަމަވެސް އެކަމުގައިވެސް މަސައްކަތްކުރައްވާފައި ނުވާނެ ކަމަށް ވަކީލުންގެ ފަރާތުން ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޢައިލާގެ ފަރާތުން މިމައްސަލަ ހުށަހަޅުއްވާފައިވަނީ، އެއްވެސް ހާލެއްގައި ގެއްލުމުގެ ބަދަލު ހޯދުމަށް ކުރެއްވި ދައުވާއެއް ނޫން ކަމަށާއި، މިއީ ސިޔާސީ ހަނގާކުރުމާއި ހަމަލާތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް ކުރެއްވި ދައުވާއެއް ކަމަށް ވިދާޅުވިއެވެ.