ވޯލްޑްކަޕް ކޮލިފައިންގައި ރޭ ލިތުއޭނިޔާ އާއި ދެކޮޅަށް ނެދަލޭންޑްސް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ނެދަލޭންޑްސް މޮޅުވެ ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
ޔޫރަޕްގެ ކޮލިފައިންގެ ގްރޫޕް ޖީ ގައި ކުޅުނު މި މެޗުން ނެދަލޭންޑްސް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު އަށް މެޗުން ޖުމްލަ 20 ޕޮއިންޓާއެކު އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް ޕޮލެންޑަށް 17 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ޖެހޭނީ ޕްލޭއޮފް މެޗުތަކެއް ކުޅުމަށެވެ.
ނެދަލޭންޑްސް އިން ކޮލިފައިންގެ އަށް މެޗު ކުޅުނުއިރު އެ ޓީމު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ދެ މެޗުން އެއްވަރުވެފައިވާއިރު ހަ މެޗުން ވަނީ މޮޅުވެފަ އެވެ. އަދި އެ ޓީމުން ޖުމްލަ 27 ލަނޑު ޖަހާފައިވާއިރު ނެދަލޭންޑްސް އަށްވުރެ ގިނައިން ކޮލިފައިންގައި ލަނޑު ޖަހާފައިވަނީ 37 ލަނޑު ޖަހާފައިވާ ނޯވޭ އެވެ.
ނެދަލޭންޑްސްގެ ޔޯހަން ކްރައިފް އެރީނާގައި ކުޅުނު މި މެޗުގެ 16 ވަނަ މިނިޓުގައި ނެދަލޭންޑްސް އިން ވަނީ ލަނޑު ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރ ތިޖާނީ ރޭންޑާރސް އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 13 ވަނަ މިނިޓުގައި ނެދަލޭންޑްސް އަށް ލިބުނު ޕެނަލްޓީ އަކުން ކޯޑީ ގެކްޕޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ނެދަލޭންޑްސް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 60 ވަނަ މިނިޓުގައި ޓޮޓްނަމް ހޮޓްސްޕަރގެ ޒަވީ ސައިމަންސް ކާމިޔާބުކޮށްދިންތާ ދެ މިނިޓު ފަހުން ޑޮންޔެލް މަލޭން ވަނީ އިތުރުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.
މި ގްރޫޕްގައި ހިމެނޭ ޕޮލެންޑް އިން މަލްޓާ އާއި ދެކޮޅަށް ރޭ ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ޕޮލެންޑް ވަނީ ކާމިޔާބުކޮށްފަ އެވެ.