އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގެ ޖާގައެއް ޖަރުމަނުން ހޯދައިފި އެވެ.
2014 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ޖަރުމަނުން އަންނަ އަހަރުގެ މުބާރާތުން ފުރުސަތު ހޯދާފައިވަނީ ޔޫރަޕްގެ ކޮލިފައިންގެ ގްރޫޕް އޭ ގައި ރޭ ސްލޮވޭކިޔާ އާއި ދެކޮޅަށް ކުޅުނު މެޗު 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
ލޭޕްޒިގްގެ ރެޑްބުލް އެރީނާ ގައި ކުޅުނު މި މެޗުގެ 18 ވަނަ މިނިޓުގައި ނިކް ވޮލްޓެމޭޑް ވަނީ ލަނޑެއް ޖަހާ ޖަރުމަނަށް ކުރި ހޯދަދީފަ އެވެ. މި ލަނޑާއެކު އޭނާ ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުގައި ހަތަރު ލަނޑު ޖަހާފަ އެވެ.
ޖަރުމަނުން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގެ 29 ވަނަ މިނިޓުގައި ގޮރެޓްޒްކާ ދިން ޕާހަކުން ނަބްރީ ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
އަދި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ލެރޯއި ސާނޭ ވަނީ އިތުރު ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.
ޖަރުމަނުން މި މެޗުގައި ޖެހި ފަސްވަނަ ލަނޑާއި ހަ ވަނަ ލަނޑަކީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި ރިޑްލް ބާކޫ އާއި އަސާން ވެޑާއޮގޯ ކާމިޔާބުކޮށްދިން ދެ ލަނޑެވެ.
ހަތަރު ފަހަރު މަތިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ޖަރުމަނުން މި މެޗު ކާމިޔާބު ކުރުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕް އޭ ގައި ކުޅުނު ހަ މެޗުން ޖުމްލަ 15 ޕޮއިންޓާއެކު އެއްވަނަ މަގާމް ލިބިފަ އެވެ.
ދެވަނައިގައި އޮތް ސްލޮވޭކިޔާ އަށް 12 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް އަދި ވޯލްޑްކަޕްގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން ޔޫރަޕްގެ ޕްލޭއޮފް މެޗުތަކުން މޮޅުވެގެން އެ ޓީމަށް ވޯލްޑްކަޕްގެ ޖާގައެއް ހޯދުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.