ޚަބަރު

އައްސޭރި ޖަލުގައި އޮންލައިންކޮށް ޝަރީޢަތްތަކުގައި ބައިވެރިވެވޭ ގޮތަށް 2 ކޯޓް ރޫމް ހުޅުވައިފި


  • ޢާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން ފޯރުކޮށްދެވޭ އަދަދު އިތުރުވާނެ

  • ދަތުރުފަތުރު ނުކޮށް އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭނެ

އައްސޭރި ޖަލުގެ ޤައިދީންނާއި ބަންދުމީހުންނަށް އޮންލައިންކޮށް ޝަރީޢަތްތަކުގައި ބައިވެރިވެވޭ ފުރުޞަތު އިތުރުކުރުމުގެ ގޮތުން ދެ ކޯޓް ރޫމް ހުޅުވައިފިއެވެ.

ކޯޓް ރޫމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކޯޓް ރޫމްތައް ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ. ކޮމިޝަނަރގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އައްސޭރި ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިސްމާޢީލް ނަސީރު، އެމްސީއެސްގެ ކޮމިޝަންޑް އޮފިސަރުންނާއި ދަޢުވަތު އެރުވި މެޙެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.

އައްސޭރި ޖަލުގައި ތިބޭ ގައިދީން މީގެ ކުރިން ޝަރީއައްތަކަށް ގެންދަން ޖެހެނީ މާލެ ނުވަތަ އެހެން ރަށަކަށެވެ. ޖަލުގައި ގައިދީންގެ ތެރޭގައި ބަލިމީހުން ތިބޭއިރު ޝަރީއަތަށް އެއްތަނުން އަނެއްތަނަށް ގެންދަން ޖެހުން ވެފައިވަނީ ތަކުލީފަކަށްއެވެ. މީގެ އިތުރުން އެ ފަރާއްތައް އާއިލާއި ބައްދަލުކުރުމާއި ވަކީލުންނާއި ބައްދަލުކުރުމުގައިވެސް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހެއެވެ.

އެހެންނަމަވެސް އަލަށް ހުޅުވުނު ދެ ކޯޓް ރޫމްގެ ސަބަބުން، މާލެ އަދި އެހެން ރަށްރަށުގެ ކޯޓްތަކަށް ހާޟިރުކުރަން ޖެހޭ ޤައިދީންނާއި ބަންދުމީހުންނަށް، ދަތުރުފަތުރު ނުކޮށް އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭ ފުރުޞަތުތައް އިތުރު ވެގެންދާނެކަމަށް މޯލްޑިވަސް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވެއެވެ. އަދި އެ ފަރާތްތަކަށް ޢާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން ފޯރުކޮށްދެވޭ އަދަދު ވެސް މިހާރަށްވުރެ އިތުރު ވެގެންދާނެކަމަށް ވިދާޅުވިއެވެ.

އައްސޭރި ޖަލުގައި ދެ ކޯޓް ރޫމް ހުޅުވުމުގެ އިތުރުން، ކޮމިޝަނަރ ޙަސަން ޒަރީރު ވަނީ އެ ޖަލުގެ އޮފިސަރުންނަށް ތިން ބެރެކްސް ހުޅުވާދެއްވައިފައެވެ. އޮފިސަރުންގެ ބެރެކްސް އިމާރާތްކުރުމުގައި ހަރަކާތްތެރިވި އޮފިސަރުންނާއި މުވައްޒަފުން އަދި ޤައިދީން ކުރެއްވި ބުރަ މަސައްކަތް ފާހަގަ ކުރައްވައި، އެފަރާތްތަކަށް ކޮމިޝަނަރ ޙަސަން ޒަރީރު ޝުކުރު އަދާކުރެއްވިއެވެ.

މި ބެރެކްސް އިމާރާތްކޮށް ހުޅުވުމުގެ ބޭނުމަކީ އައްސޭރި ޖަލުގައި މަސައްކަތް ކުރާ އޮފިސަރުންގެ އެކޮމަޑޭޝަންއަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކުރުންކަމަށް ކަރެކްޝަން އިން ވިދާޅުވިއެވެ.

އައްސޭރި ޖަލުގައި ތިބޭ ގައިދީންނާއި ބަންދުގައި ތިބި ފަރާއްތަކަށް ދޭންޖެހޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުހެ ގޮތުން ގިނަ މަސައްކަތްތައް ދަނީ ކުރަމުންނެއެވެ. އޭގެ ތެރޭގައި ތަފާތުއެކި ފެސިލިޓީތައްވެސް ދަނީ ހުޅުވަމުންނެއެވެ.

އެގޮތުން މި އަހަރުގެ ޖުލައި މަސް ތެރޭގައި އައްސޭރި ޖަލުގައި އަލަށް ޤާޢިމްކުރި ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ ހުޅުވައި ހިދުމަތްދޭންވެސް ވަނީ ފަށާފައެވެ. ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ އަކީ ކުށްކުރާ ކުޑަކުދިންގެ ތެރެއިން ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަންޖެހޭ ކުޑަކުދިން ބޭތިއްބުމަށް ޤާނޫނުން ލާޒިމްކުރާ ފެސިލިޓީއެކެވެ.