ޚަބަރު

ސްޕޭން އާއި ތުރުކީގެ މެޗު އެއްވަރު


ވޯލްޑްކަޕް ކޮލިފައިންގައި ރޭ ސްޕޭން އާއި ދެކޮޅަށް ތުރުކީ ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.

ކޮލިފައިންގެ ގްރޫޕް އީ ގައި ކުޅުނު މި މެޗަށް ނިކުތްއިރު ތުރުކީ އަށް ވޯލްޑްކަޕްގެ ސީދާ ޖާގައެއް ލިބެން އޮތީ ތަފާތު ބޮޑު ނަތީޖާއަކުން ސްޕޭން ބަލިކުރުމަށްފަހުގަ އެވެ. ނަމަވެސް ނަތީޖާ އެއްވަރު ވުމާއިއެކު ގްރޫޕްގައި ކުޅުނު ހަ މެޗުން ސްޕޭން އަށް ޖުމްލަ 16 ޕޮއިންޓް ލިބިފައިވާއިރު ތުރުކީ އަށް ލިބިފައިވަނީ 13 ޕޮއިންޓާއެކު ދެވަނަ އެވެ. އެހެންކަމުން އެ ޓީމަށް ޖެހޭނީ ޕްލޭއޮފް އިތުރު މެޗުތަކެއް ކުޅުމަށެވެ.

ސްޕެއިންގެ ސެވިއްޔާގައި ކުޅުނު މި މެޗުގެ ހަތަރުވަނަ މިނިޓުގައި ސްޕޭންގެ ޑެނީ އޮލްމޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

މި މެޗަށް ސްޕޭން ނިކުތްއިރު އޭގެ ކުރިން ކޮލިފައިންގައި ކުޅުނު ފަސް މެޗުގައިވެސް ބައިކޮޅަށް ލަނޑެއް ވަދެފައިނުވާ ސްޕޭންގެ ގޯލު ތުރުކީގެ ޑެނީޒް ގުލް ވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ހުޅުވާލާފަ އެވެ.

ތުރުކީ އިން ވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 9 ވަނަ މިނިޓުގައި ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ސާލިހް އޮޒްކާން އެވެ. އޭނާ މި ލަނޑު ޖެހުމުގެ ކުރިން ތުރުކީގެ ބަރިސް ޔިލްމާޒް ފޮނުވާލި ނުރައްކާތެރި ހަމަލައެއް ސްޕޭންގެ ގޯލުކީޕަރު ސައިމަން ވަނީ މަތަކޮށްފަ އެވެ.

ސްޕޭން އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 62 ވަނަ މިނިޓުގައި މިކެލް އޮޔަރްޒަބާލް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ރޭގެ ކުޅުނު މެޗުތަކާއިއެކު ޔޫރަޕްގެ ކޮލިފައިންގެ 12 ގްރޫޕްގައި ކުޅުނު މެޗުތަކަށްފަހު ޖުމްލަ 12 ޓީމެއް ވަނީ ވޯލްޑްކަޕަށް ކޮލިފައިވެފަ އެވެ. އަދި ކޮންމެ ގްރޫޕަކުން ދެވަނައަށް ދިޔަ ޓީމުތަކަށް ޖެހޭނީ ޕްލޭއޮފް އިތުރު މެޗުތަކެއް ކުޅުމަށްފަހު ވޯލްޑްކަޕްގެ ޖާގައެއް ހޯދުމަށެވެ.

އަންނަ އަހަރު އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި ބާއްވާ ވޯލްޑްކަޕްގެ ގުރުއަތު ނެގުން އޮންނާނީ އަންނަ ޑިސެމްބަރ މަހުގަ އެވެ.