މަސްވެރިކަމުގެ ސިނާޢަތައް ދިމާވެފައިވާ މައްސަލަތައް ޙައްލު ކުރުމަކީ، މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ. އެގޮތުން މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތައް ޙައްލު ކޮށްދިނުމަށް އައިސްޕާންޓުތައް ޤާއިމްކުރުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.
އައިސް ހޯދުމަށް ދިގު ދަތުރުތައް ކުރަން ޖެހުމަކީ، މަސްވެރިންގެ އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެހެންކަމަށް ވުމާއިއެކު އިތުރު ސަރަހައްދުތަކުގައި އައިސްޕްލާންޓުތައް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.
މި ސަރުކާރުގެ ފުރަތަމަ 2 އަހަރު ދުވަހުގެ ތެރޭގައި ވަނީ، 5 އައިސްޕްލާންޓެއް ޤާއިމްކޮށް ނިންމާފައެވެ. މި 5 އައިސްޕްލާންޓުގެ ސްޓޯރޭޖް ކެޕޭސިޓީ 280 ޓަނަށް އަރައެވެ. އަދި 165 ޓަނުގެ
އައިސް އުފެއްދެއެވެ.
ގއ. ގެމަނަފުށި - ޕްރޮޑަކްޝަން: 50 ޓަން / ސްޓޯރޭޖް ކެޕޭސިޓީ: 100 ޓަން
ގއ. ދެއްވަދޫ - ޕްރޮޑަކްޝަން: 25 ޓަން / ސްޓޯރޭޖް ކެޕޭސިޓީ: 30 ޓަން
ށ. ފުނަދޫ - ޕްރޮޑަކްޝަން: 30 ޓަން / ސްޓޯރޭޖް ކެޕޭސިޓީ: 50 ޓަން
ދ. މީދޫ - ޕްރޮޑަކްޝަން: 30 ޓަން / ސްޓޯރޭޖް ކެޕޭސިޓީ: 50 ޓަން
ދ. ބަނޑިދޫ - ޕްރޮޑަކްޝަން: 30 ޓަން / ސްޓޯރޭޖް ކެޕޭސިޓީ: 50 ޓަން
5 އައިސްޕްލާންޓެއް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، އިތުރު އައިސްޕްލާންޓުތަކުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އެގޮތުން މިހާރުވެސް 6 އައިސްޕްލާންޓެއްގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަދެއެވެ. އަދި އިތުރު 8 އައިސްޕްލާންޓު އިމާރާތްކުރުމަށް ނިންމާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ސަރުކާރަށް 2 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ގިނަ އައިސްޕްލާންޓް ހުރީ ހަލާކުވެފައި ކަމަށެވެ. ނަމަވެސް ސަރުކާރުން މި އައިސްޕްލާންޓުތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އައިސްޕްލާންޓަށް ބަލާއިރުވެސް އައިސްޕްލާންޓްތައް ހަލާކުވެފައި. އެހެންނަމަވެސް އެތައް އައިސްޕްލާންޓެއް މަރާމާތުކޮށް އެތައް އައިސްޕްލާންޓެއް ހަދައި މިހާރު އަލަށް 4 ރަށެއްގައި އައިސްޕްލާންޓް އަޅުގަނޑުމެން ހުޅުވައިފިން. އަދި އޭގެ އިތުރަށް އެތައް ދޯންޏެއްގައި މިހާރު އެވަނީ އާރު.އެސް.ޑަބްލިއު ސިސްޓަމް ގާއިމްކޮށްފައި." ރައީސް ވިދާޅުވިއެވެ.
އައިސްޕްލާންޓުތަކަކީ، މަސްވެރިން ބާނާ މަސް ތާޒާކަމާއެކު ބާޒާރަށް ފޯރުކޮށްދޭ މަގެކެވެ. މަސްވެރި މޫސުމުގައި އައިސްޕްލާންޓުތަކަށް އޮންނަ ޑިމާންޑު ވަކިން ބޮޑެވެ. އައިސް ލިބޭނެ ރަށެއް ކައިރީގައި ނެތްނަމަ ދުރަށް ދުއްވަން ޖެހުމަކީވެސް ތެލަށް ކުރަންޖެހޭ ހޭދަ އިތުރުވާ ކަމެކެވެ.