ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ މިނިވަންކަމަށްޓަކައި ދިވެހިން ޤުރުބާންވި ލޯބިކުރި ދުވަސްތަކެއް އަލުން އިޢާދަކުރެއްވުމަށެވެ. އެމަނިކުފާނުގެ ޢަޒުމަކީ ބޮޑުތަކުރުފާނާއި ދޮންބަންޑާރައިންނާއި ބޮޑު ރަސްގެފާނު ފަދަ ދަރިން މި ޤައުމުގައި ބިނާކުރެއްވުމެވެ. މިނިވަންކަމުގެ ދިފާޢަށްޓަކައި އެ އަބްޠާލުން ކުރެއްވި މަސައްކަތްތައް ތަކުރާރުކުރެއްވުމެވެ. ދިވެހި އަސްކަރިއްޔާއަކީ ޤާބިލު ވަރުގަދަ، ކުރިމަތިވެދާނެ ޙަމަލާއަކަށް ނިކަން ރަނގަޅަށް ތައްޔާރުވެފައިވާ ބަޔަކަށް ހެދުމަކީ މިއަދުގެ ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއްދެއްވާ ކަމެކެވެ. މިކަން ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ފުރަތަމަ ތަޤުރީރުގައިވެސް ވަނީ ހާމަކުރައްވާފައެވެ.
"އިރާދަކުރެއްވީތީ، މިއަދަކީ ޒަމާންތަކަކަށްފަހު، ދިވެހީން ދިވެހީންގެ ރާއްޖެއަށް އަލުން އެނބުރި ދިޔުމުގެ ޚާއްޞަ ދަތުރަށް ރިޔާ ކޮށާލި ދުވަސް. މި ވަގުތަކީ ދިވެހީންގެ އުންމީދުތައް ހާސިލުކޮށްދީ، ކަންބޮޑުވުންތައް ހައްލުކޮށްދިނުމުގެ ލޮބުވެތި ވިންދުތައް އަޅުގަނޑުމެންގެ ހިތްތަކުން ޖަހަމުންދާ ވަގުތު." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަސްކަރިއްޔާ ވަރުގަދަކުރުމުގެ މަސައްކަތުގެ ދަށުން ސަރުކާރަށް މިވީ 2 އަހަރު ދުވަހުގެ ތެރޭގައި ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ގިނަ ކަންތައްތަކެއްވަނީ ކުރައްވާފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ސަރަހައްދު 24 ގަޑިއިރު، ވައިގެ މަގުން ބެލެހެއްޓުމަށްޓަކައި އެމްއެންޑީއެފް އެއަރ ކޯ އުފެއްދެވިއެވެ. އެއަރ ކޯގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ 2024 ވަނަ އަހަރުގެ މާރޗް މަހުގެ 15 ވަނަ ދުވަހުއެވެ.
އެމްއެންޑީއެފަށް އަލަށް އިތުރުކުރި މި ބާރުން ރާއްޖޭގެ ވައިގެ ސަރަހައްދު ދިފާޢުކޮށް ބެލެހެއްޓުމާއި ކަނޑުގެ ސަރަހައްދުތައް ބެލެހެއްޓުމަށްޓަކައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޭރިއަލް ސަރވެއިލަންސް އޮޕަރޭޝަންތައް ކޯސްޓްގާޑާއި ގުޅިގެން މިހާރު ދަނީ ހިންގަމުންނެވެ. އެއަރ ކޯގެ ޚިދުމަތް ތަޢާރަފްކުރެއްވުމަށްފަހު އެ ޚިދުމަތަށް ބޭނުންވާ އެހެނިހެން ކަންކަން ފުރިހަމަކުރެއްވުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށްޓަވާފައެވެ. އެގޮތުން އެއަރ ކޯގެ ޚިދުމަތަށް އަސްކަރީ މަތިންދާ ބޯޓު ހޯއްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާއިރު، އެ ޚިދުމަތް ފުރިހަމަކަމާއެކު ދިނުމަށްޓަކައި ބޭނުންވާ ފުރަތަމަ އެއަރ ސްޓޭޝަން އައްޑޫ ސިޓީ ގަމުގައި މިހާރު ވަނީ ޤާއިމުކޮށްފައެވެ.
އަސްކަރީ ޤާބިލުކަން އިތުރުކުރުމުގެ ދާއިރާއަށް ބަލާއިރު ސަރުކާރުން ހަމައެކަނި އަހަންމިއްޔަތުކަން ދީފައިވަނީ ވައިގެ ބާރު ވަރުގަދަކުރުމަށް އެކަންޏެއް ނޫނެވެ. އެއްގަމާއި ކަނޑުގެ ބާރު ވަރުގަދަކޮށް، އެކަމަށް ބޭނުންވާ ގިނަ ވަޞީލަތްތަކެއް މިހާތަނަށް ވަނީ ހޯދާފައެވެ. އެގޮތުން ކޯސްޓްގަރޑް ފްލީޓް ދެގުނަ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް ތުރުކީން ވަނީ މަނަވަރެއް ރާއްޖެ ގެނެސްފައެވެ. "ދަރުމަވަންތަ"ގެ ނަމުން ނަން ދީފައިވާ މި މަނަވަރު ޤައުމީ ދިފާޢީ ބާރާ ހަވާލުކޮށް ކޮމިޝަންކޮށްފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ އިޤުތިޞާދީ ގޮތުން ވިލުންތެރި ޤައުމަަކަށްވުމަށް ވަރުގަދަ އަސްކަރިއްޔާއެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މޯލްޑިވްސް އެއަރ ކޯގެ ފުރަތަމަ ވައިގެ ސްޓޭޝަން އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފައިންނަށް ތަމްރީންދީ، ވަޞީލަތުގެ ގޮތުން ދިވެހި އަސްކަރިއްޔާ ވަރުގަދަކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދަވާނެކަން ހާމަކުރައްވާފައެވެ.
"އިޤްތިޞާދީ ގޮތުން މި ޤައުމަކީ ރެސިލިއަންޓް، ތަރައްޤީ ހާސިލުކުރެވޭ ވަރުގަދަ ޤައުމަކަށް ވެގެންދިޔުމުގައިވެސް، ވަރުގަދަ މިލިޓަރީ ބާރެއްގެ ގޮތުގައި މި ޤައުމު އޮތުމަކީ، ކޮންމެހެން ލާޒިމުކަމެއް ކަމުގައި އަޅުގަނޑު ދެކެން. ޤައުމަށް ބޮޑެތި އިންވެސްޓްމަންޓްތައް އަންނާނީ، އެ ޤައުމަކީ ސޭފް ތަނެއްގެ ގޮތުގައި، އެ އިންވެސްޓަރުންނަށް ގަބޫލުކުރެވެންޏާ. އަޅުގަނޑުމެންގެ ކެޕޭސިޓީ، ކޭޕެބިލިޓީ އެ މަގުން ގާއިމުކުރެވިފައިވާ ކަމަށް ގަބޫލުކުރެވޭވަރު އިތުރުވާ މިންވަރަކަށް، މި ޤައުމުގެ އިޤްތިޞާދުވެސް ދާނީ ކުރިއަށް. އިޤްތިޞާދަށް އިންވެސްޓްކުރާނެ ފަރާތްތައްވެސް ދާނީ އިތުރުވަމުން." އެއަރ ސްޓޭޝަން ރަސްމިއްޔާތުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މި ސަރުކާރުން ވަނީ ޤައުމީ ޚިދުމަތުގެ ޕްރޮގުރާމް ވެސް ފަށްޓަވާފައެވެ. މިއީ ރިވެތި އަޚުލާޤު ލިބިފައިވާ ސިފަވަންތަ ދިވެހި ޒުވާން ދަރީން ތަމްރީންކޮށް، ޤައުމީ ޚިދުމަތަށް ނެރުމަށްޓަކައި ފެށްޓެވި ވަރަށް ޚާއްސަ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމްގެ ފުރަތަމަ ބެޗުގައި ބައިވެރިވާ ދަރިވަރުންގެ އަސްކަރީ ތަމްރީންތައް މިހާރު ފަށާފައިވާއިރު، ޚިދުމަތްތެރި ޖީލެއް ބިނާކުރުމަށް ކުރެވޭ މިއީ މުހިންމު މަސައްކަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތްކުރައްވަމުން ގެންދަވަނީ އެންމެ ފަހުގެ ޒަމާނީ ވަޞީލަތްތަކާއެކު ވަށައިޖެހޭ ތަރައްޤީއެއް ދިވެހި ދިފާޢީ ދާއިރާއަށް ގެނެސްދެއްވުމަށެވެ. މި ޒަޢާމަތަކީ ދިވެހިންގެ އަސްކަރިއްޔާ ދިވެހިން އެދޭފަދަ ބާރަކަށް ބަދަލުވެ، ދިވެހި ވެހިތަކާއި ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ޤާބިލުގައި ދިވެހިންގެ ތެރޭގައި އުފެއްދޭނެ ދައުރެއްކަމާމެދު ޝައްކެއް ނެތެވެ.