ޚަބަރު

ކުޑަކުދިންގެ ދުވަހު ބެކަމްގެ ލެންސަށް ރާއްޖޭގެ ބަބުލް


  • ޑޭވިޑް ބެކަމް އަކީ ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރ

ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބޭކަމް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިޔަން ބަޔަކު ފޮލޯކުރާ މަޤްބޫލު ކުޅިވަރުގެ ޝަޙްސިއްޔަތެކެވެ. ކުޑަކުދިންގެ ހައްޤުތަކަށް ވަކާލާތުކުރުމުގައި އަބަދުވެސް ފާހަގަކޮށްލެވޭ ބެކަމްއަކީ ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރުވެސްމެއެވެ. ދުނިޔޭގެ ކުޑަކުދިންގެ ދުވަސް މިއަހަރު ފާހަގަކުރިއިރު އޭނާގެ ސޯޝަލް މީޑިއާއިން ފެނިގެން ދިޔައީ ރާއްޖޭގެ ކުއްޖެއްކަމަށްވާ އުމުރުން އެންމެ 3 އަހަރުގެ ބަބުލްގެ ވާހަކައެވެ.

އދ. ގެ ކުޑަކުދިންނާއި ބެހޭ ޖަމްޢިއްޔާ، ޔުނިސެފްއާއެކު ޑޭވިޑް ބެކަމް މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެއެވެ. މިއަހަރުގެ ކުޑަކުދިންގެ ދުވަހު މީސްމީޑިއާގެ އެތައް މިލިޔަން ފޮލޯވަރުންނަށް ބެކަމް ދޫކޮށްލީ ރާއްޖޭގެ 'ބަބުލް' ގެ ވާހަކަތަކެވެ.

ބަބުލްގެ ވާހަކަތައް ދޫކޮށްލަމުން ބެކަމް ބުނެފައިވަނީ ބަބުލްގެ ވާހަކަތައް ވަރަށް ޝައުޤުވެރިކަމަށާއި އޭނާގެ ޕްލެޓް ފޯމް މިފަހަރު ބޭނުންކުރާނީ ބަބުލްގެ ވާހަކަތައް ދުނިޔެއާ ހިއްސާކުރުމަށް ކަމަށެވެ. ބެކަމް ބުނީ ބަބުލްގެ މެސެޖުން ހަނދާންކޮށްދެނީ ކިތަންމެ ކުޑަނަމަވެސް ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ އަޑު އަހަންޖެހޭ ކުށްޖެއްކަން ކަމަށެވެ. އަދި ކޮންމެ ކުއްޖަކީވެސް ތަޢުލީމާއި ރައްކާތެރިކަމުގެ އިތުރަށް އެކި ފުރުސަތުތައް ފަހިވެފައިވާ ކުއްޖެއްކަން ޔަޤީން ކުރަން ޖެހޭ ކަމަށް ބެކަމްވަނީ ބުނެފައެވެ.

ބެކަމް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ބަބުލްގެ ވާހަކަތައް އަސްލުވެސް އެހާ ޝައުޤުވެރިއެވެ. ބަބުލް ކިޔައި ދީފައިވަނީ އޭނާގެ ހަޔާތުން ދުވަހެކެވެ. އެގޮތުން ހެނދުނު ސްކޫލަށް ދިއުމާއި ސްކޫލުގައި މަޖާކޮށް ލަވަ ކިޔައި، ސްކޫލު މަސައްކަތް ކުރާ ކަމަށާއި، އޭގެ ފަހުން ސްކޫލުން ގެއަށް އައިސް ޞިއްޙަތަށް ފައިދާހުރި މޭވާ ކައި އުޅޭކަމަށް ބަބުލް ބުނެފައިވެއެވެ. އަދި ބޭރަށް ދާން ވެގެން ލާނެ ހެދުމެއްވެސް ނަގަނީ އަމިއްލައަށް ކަމަށް ބުނެ ތައްޔާރުވެ ބޭރަށްދާ މަންޒަރު މިވީޑިއޯއިން ފެނެއެވެ.

ބޭރަށް ގޮސް ސްކޫޓީ ދުއްވަނިކޮށް ބަބުލް ވެއްޓޭތަންވެސް މިވީޑިއޯއިން ފެނެއެވެ. ނަމަވެސް ތެދުވެފަ ބަބުލް ބުނީ އެއީ މައްސަލައެއް ނޫން ކަމަށާއި މަންމައާއި ބައްޕަ ފުށުން ހިތްވަރުލިބޭ ކަމަށެވެ. ބަބުލްވަނީ ގޮނޑުދޮށަށް އުކާލާފައި ހުރި ފުޅިތަކެއް ނަގާ ޑަސްބިނަށްވެސް ލައި ތިމާވެށި ސާފުކޮށް ބެހެއްޓުމުގެ މުހިންމުކަން މިވީޑިއޯގައި ދައްކާލަ ދީފައެވެ.

ބެކަމްގެ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖު މެދުވެރިކޮށް މިވީޑިއޯ އެތައް މިލިޔަން ބަޔަކުވަނީ ބަލާފައެވެ.

ރާއްޖޭގެ ބަބުލް އެކޭ އެއްފަދައިން ކޮންމެ ކުއްޖަކީވެސް އުނގެނުމާއި، ހުވަފެން ދެކުމާއި ލޯބި ލިބި ރައްކާތެރިކަން ލިބެންޖެހޭ ކުއްޖެއް ކަމަށް ބެކަމް ވަނީ އޭނާގެ ވިޑީއޯގައި ބުނެފައެވެ.

ބެކަމް ޔުނިސެފްއާއި ގުޅިގެން މަސައްކަތް ކުރަން 2005 ވަނަ އަހަރު އެ ޖަމްޢިއްޔާގެ ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައެވެ. އޭގެ ފަހުން އެޖަމްޢިއްޔާގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ ޕްރޮގްރާމްތައް ހިންގުމުގައި އޭނާ ވަރަށް ބޮޑަށް އެހީވެދެއެވެ. ބެކަމް ބުނީ ޔުނިސެފުން ދުނިޔޭގެ ކުޑަކުދިންގެ ހައްޤުގައި ކުރަމުންދާ މަސައްކަތަށް އޭނާގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.