"އުފާ ފެސްޓިވަލް 2025" ނަމުގައި ޚާއްސަ ފެސްޓިވަލެއް ފަށައިފިއެވެ.
މި ފެސްޓިވަލު ކުރިއަށް ދާނީ، ހުކުރު އަދި ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
އުފާ ފެސްޓިވަލަކީ، އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއާއީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދާ ފެސްޓިވަލެކެވެ.
މި ފެސްޓިވަލު ހުޅުއްވައި ދެއްވީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނެވެ. މި ފެސްޓިވަލުގައި ފާއިތުވި 2 އަހަރުގެ ތެރޭގައި މި ދެ ވުޒާރާއިން ކުރި މުހިންމު މަސައްކަތްތަކުގެ އުސްއަލިތައް ހިމެނޭ ޚާއްސަ ބުކްލެޓްވެސް ވަނީ ނެރެފައެވެ.
ސަރުކާރުގެ ގިނަ މުޢައްސަސާތަކާއި، ކުންފުނިތަކާއި ގުޅިގެން ހިންގާ މި ހަރަކާތުގައި ކުޑަކުދިން ގަޔާވާ ފަދަ ތަފާތު ކުޅިވަރުތަކުގެ އިތުރުން އިސްރަށްވެހިންނަށް ޚާއްސަ ޖާގައަކާއި، ތަފާތު ސްޓޭޖު އައިޓަމްތައް ފެނިގެންދާނެއެވެ. މި ފެސްޓިވަލް ކުރިއަށް ދާނީ، ނޮވެންބަރު މަހުގެ 21 އަދި 22 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.
މިހަރަކާތްތަކުގެ ތެރޭގައި 21 ވަނަ ދުވަހުގެ ރޭ 20:00 އިން 22:00 އަށް ކުޑަކުދިންނަށް ޚާއްސަ މޫވީ ނައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ކުދިންނާއި، ޢާއިލާތަކަށް ޚާއްސަ ކޮށްގެން ބާއްވާ މި މޫވީ ނައިޓަކީ، އުރީދޫއާއި މި ވުޒާރާތަކާއި ގުޅިގެން އިންތިޒާމް ކޮށްފައިވާ ޚާއްސަ ހަރަކާތެކެވެ. މީގެ އިތުރުން 22 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ހޭވައްލާ ބޮޑުބެރު ގްރޫޕުންވެސް މިފެސްޓިވަލްގައި ހަރަކާތްތަކެއް ހުށަހަޅާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ފެސްޓިވަލްގައި ޝާމިލް ލޯގޯވެސް ވަނީ، އިފްތިތާޙްކޮށްފައެވެ. މި ލޯގޯއަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ ތަކެތި މާކެޓް ކުރުމަށް ފަރުމާ ކޮށްފައިވާ ލޯގޯއެކެވެ.
މިއީ، ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ހިތްފަސޭހަ މާޙައުލެއްގައި ތަފާތު މަޖާ ގޭމްތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ ޚާއްސަ ހަރަކާތެކެވެ.