ޚަބަރު

ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ވަނަތައް ހޯދީ ޓީމަށް ހޫނު މަރުހަބާއެއް


  • ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2025ގައި ރާއްޖެއިން ވަނީ ތިން މެޑަލް ހާސިލްކޮށްފައި

  • ގައުމީ ޓީމުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރައްވާކަން ޠަލާލް ފާހަގަކުރެއްވި

އިންޑޮނޭޝިއާގެ ބަޓަމްގައި ބޭއްވި ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގައި ވާދަކޮށް 3 މެޑަލް ހާސިލްކޮށްގެން ރާއްޖެ އައި ގައުމީ ބޮޑީބިލްޑިން ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީ ލައުންޖުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

16 ވަނަ ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ވާދަކުރި ޓީމަށް އެއަރޕޯޓުން މަރުހަބާ ދެންނެވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރާއި އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސުންނެވެ.

ގައުމީ ޓީމަށް މަރުހަބާ ދެންނެވުމަށްފަހު ކޮމިޝަނަރ ޠަލާލް ވިދާޅުވީ މިއީ ވަރަށް ހިތްވަރު ގަދަ އެތުލީޓުންތަކެއްކަމަށާއި، އެހެން ކުޅިވަރުތަކާއި ހިލާފަށް ބޮޑީބިލްޑިން ޓީމުން ކުރާ މަސައްކަތާއި ބަހައްޓާ ހާއްސަ ޑިސިޕްލިންތަކަކީ ބަލާ މީހުންނަށް ވަޒަންކޮށްލަންވެސް ނޭންގޭހާ ބުރަ ގުރުބާނީއެއް ކަމަށެވެ.

އެގޮތުން ވަކިގޮތަކަށް ކެއުން ބައްޓަން ކުރުން ފަދަ ކަންކަމުގައި އެ ގެންގުޅޭ އާދަތައް ހިފަހައްޓާ އެ ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރައްވާކަން ފާހަގަކުރައްވާ، ކުރިޔަށް އޮތްތަނުގައިވެސް ހޯދާ މެޑަލްތަކުގެ އަދަދު މިހާރަށްވުރެ ގިނަކުރުމަށް އެތުލީޓުންގެ ކިބައިން ޠަލާލް އެދިވަޑައިގެންނެވިއެވެ.

"ތި ކުރާ ސެކްރިފައިސްއާއި ތި ޑިސިޕްލިން މެއިންޓެއިން ކުރުން އެއީ ވަރަށް ބުރަކަމެއް. ވަރަށް ވެލިއު ކުރެވޭ. ތިޔަ އެތުލީޓުންގެ މަސައްކަތަށް ސަރުކާރުން ދޭން ޖެހޭ އެއްބާރުލުން ފުރިހަމައަށް ލިބޭނެ. ކުރިޔަށް ހުރި މުބާރާތްތަކުންވެސް އިތުރު ކާމިޔާބީއަށް އުންމީދު ކުރާ ވާހަކަވެސް ބުނެލަން" ޠަލާލް ވިދާޅުވިއެވެ.

ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި މިއަހަރު ރާއްޖެއަށް ރަން މެޑަލް ހޯދާދިނީ އަޒްނީން ރަޝާދުއެވެ. އޭނާ ވާދަކޮށްފަވަނީ ފިރިހެނުންގެ ސްޕޯޓްސް ފިޒީކް އަޕް ޓު 170 ސެންޓިމީޓަރު ކެޓަގަރީގައެވެ. މިއީ އަޒްނީން ހޯދި ބައިނަލްއަގްވާމީ 10 ވަނަ ރަން މެޑަލެވެ.

މިމުބާރާތުން ރާއްޖޭގެ ޢަލީ މަބްރޫކް ލަޠީފް ވަނީ ރިހިމެޑަލް ހޯދާފައެވެ. އޭނާ ވާދަކޮށްފަވަނީ ފިރިހެނުންގެ ސްޕޯޓްސް ފިޒީކް އަޕް ޓު 180 ސެންޓިމީޓަރު ކެޓަގަރީގައެވެ. އަދި ރާއްޖޭގެ މަނާފް ވަހީދު ވަނީ ފިރިހެނުންގެ ސްޕޯޓްސް ފިޒީކް އަޕް ޓު 167 ސެންޓިމީޓަރު ކެޓަގަރީގައި ވާދަކޮށް ލޯ މެޑަލް ހާސިލްކޮށްފިއެވެ.

އެމްއޯސީގެ ރައީސްގެ ވަނީ ރާއްޖެއަށް ގައުމީ ބޮޑީބިލްޑިން ޓީމުން ވޯލްޑް ޗެމްޕިއަންޝިޕުގައި ހޯދައިދިން ވަނަތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ބޮޑީބިލްޑިންގ އެސޯސިއޭޝަނުން ކުރާ މަސައްކަތްތަކަށް އަބަދުވެސް އެމްއޯސީ އާއި ކުޅިވަރު ވުޒާރާއިން އެހީތެރިވެދޭނެކަން ފާހަގަ ކުރައްވާ ކުރިޔަށް އޮތްތަނުގައިވެސް ބައިނަލްއަގްވާމީ މުބާރާތްތަކުން އިތުރު ކާމިޔާބީ ހޯދުމަށް އެތުލީޓުންނަށް ހިތްވަރު ދެއްވާފައެވެ.

ގައުމީ ބޮޑީބިލްޑިންގ ޓީމުން ވަނީ އެ އެސޯސިއޭޝަނާއި ކުޅިވަރު ވަޒީރު އަބުދުﷲ ރާފިޢު ބަހައްޓަވާ ގާތްކަން ފާހަގަކުރައްވާ މި މުބާރާތަށް ދިޔަ އެތުލީޓުންނަށް ފޯރުކޮށްދިން އެހީތެރިކަންވެސް ފާހަގަ ކުރައްވާ ވަޒީރަށާއި ސަރުކާރަށް އަދި އެމްއޯސީއަށްވެސް ޝުކުރު އަދާކޮށްފައެވެ.