ފާއިތުވި 3 އަހަރު ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުން 24 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެންސްޕާއިން ވަނީ 2023، 2024 އަދި 2025 ވަނަ އަހަރު ޒަކާތު ފަންޑުން ބޯންމެރޯ ހެދުމަށް މާލީ އެހީތެރިކަން ދިނުމާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައެވެ.
ރާއްޖެއިން ފޯރުކޮށްދޭ ތެލަސީމިއާގެ ފަރުވާގެ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ކޮންމެ އަހަރަކު 10 ކުއްޖަކު ސަރުކާރުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.
އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޒަކާތު ފަންޑުގެ ޚަރަދުގައި ބޯންމެރޯ ޓްރާނަސްޕްލާންޓް ހެދުމަށް 2023 ވަނަ އަހަރު ވަނީ 5 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެއީ 3،851،947.62 ރުފިޔާއެވެ. އަދި 2024 ވަނަ އަހަރު ބޯންމެރޯ ހެދުމަށް 9 މީހަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެއީ 7،303،110.34 ރުފިޔާއެވެ.
ހަފްތާ 104 ގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން#Hafthaa104 pic.twitter.com/lZBGK4Mxt7
— NSPA (@NSPAmaldives) November 20, 2025
މީގެ އިތުރުން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 10 މީހަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެއީ ޖުމްލަ 1،513،821.06 ރުފިޔާއެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވަނީ ޒަކާތު ފަންޑުގެ ދަށުންނެވެ. މިކަމަށްޓަކައި ސިއްޙީ ވުޒާރާއާއި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި ދެމެދުވަނީ 2024 ވަނަ އަހަރު އެއްބަސްވުމެއް އެކުލަވާލާފައެވެ.
އަބާދީގެ ނިސްބަތުން ރާއްޖެއަކީ ތެލަސީމިއާ ކުދިން އެންމެ ގިނަ އެއް ޤައުމެވެ. އެހެންކަމުން އެކުދިންނަށް ފޯރުކޮށްދޭ ޚިދުމަތް ހަރުދަނާކުރުމަށްދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން 30 އަހަރުވެފައިވާ ތެލަސީމިއާ ސެންޓަރު ހުރި ޢިމާރާތް ބައުވުމާއި ގުޅިގެން ސަރުކާރުންވަނީ ހުޅުމާލޭ އޮރެންޖް ހިޔާއަށް ސެންޓަރުގެ ޚިދުމަތްތައް ބަދަލުކުރައްވާފައެވެ.
މާލެ ސަރަޙައްދުގައި ތެލަސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ސަރުކާރުންދަނީ ކުރައްވަމުންނެވެ. ހަމައެއާއެކު ތެލަސީމިއާ ކުދިންގެ އާބާދީ ކޮންޓްރޯލްކުރުމަށް ސްކޫލް ނިމޭ ހިސާބުން ކޮންމެ ކުއްޖަކީވެސް ތެލަސީމިއާއަށް ޓެސްޓުކުރެވިފައިވާ ކުއްޖަކަށް ހެދުމަށް ނިންމާ އެމަސައްކަތްވެސްވަނީ ފަށާފައެވެ.