މާދަމާރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ މި ބައްދަލުކުރެއްވުމަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް، މާލެ ސަރަޙައްދުގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވި އިޢުލާނުކުރެއްވުމާ އެއްގޮތްވާ ގޮތުގެމަތީން ބާއްވާ ބައްދަލުކުރެއްވުމެއް ކަމަށެވެ.
ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް، މާލެ ސަރަޙައްދުގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި އިޢުލާނުކުރެއްވުމާ އެއްގޮތްވާ ގޮތުގެމަތީން،…
— Heena Waleed (@MvSpokesperson) November 22, 2025
އެގޮތުން ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުން ކުރިއަށްދާނީ މާދަމާރޭ 20:30ގައި މުޙްޔިއްދީން ސްކޫލުގައި ކަމަށް ހީނާ ވިދާޅުވިއެވެ. އަދި މި ބައްދަލުވުމަށް ވިލިމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ސަރުކާރުން ވަނީ ދައުވަތު އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާނެކަމުގެ ވައުދުފުޅާއެކުގައެވެ. އެ ވައުުފުޅާ އެއްގޮތަށް މިހާތަނަށް އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. މިއީ ރާއްޖޭގެ ވެރިޔަކު ވެރިކަމުގެ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ރައީސްގެ މި ދަތުރުފުޅުތަކުގައި ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައި އެ ރަށެއްގެ ރައްޔިތުންނާއި ކައުންސިލްތަކުގެ ކަންބޮޑުވުން އަޑުއައްސަވައި އެކަންކަން ހައްލުކުރެއްވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.