ޚަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ކަންކަން ހަރުދަނާކުރަން ކާމިޔާބު މަސައްކަތްތަކެއް


  • މިދިޔަ އަހަރު 101 ކުދިން ވަނީ، ޢާއިލާތަކާއި ޙަވާލުކޮށްފައި

  • 16 އަހަރުން މަތީގެ ކުދިންނަށް ވަޒީފާގެ ފުރުޞަތު ފަހިކުރަން ގިނަ މަސައްކަތްތަކެއް ކުރި

  • ކުދިން ބަލަހައްޓާ މަރުކަޒުތަކުގެ މުވައްޒަފުންނަށް އެތަށް ތަމްރީންތަކެއް ހިންގި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ކަންކަން ހަރުދަނާ ކުރުމަށް ފާއިތުވި 2 އަހަރުގެ ތެރޭގައި ކުރި ކާމިޔާބު ގިނަ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން 101 ކުދިން ވަނީ ޢާއިލާތަކާއި ޙަވާލުކޮށްފައެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ނަގަނީ، އެކުދިންނަށް ރައްކާތެރި މާޙައުލެއް ޤާއިމްކޮށްދިނުމަށް ޢާއިލާއިން ނުކުޅެދުމުން ނުވަތަ ޢާއިލާއިން ކުދިން ދޫކޮށްލުމުންނެވެ. ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދެވުނު ނަމަވެސް، ކުޑަކުދިންގެ ހެދިބޮޑުވުމަށް އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެހެންކަމުން އެކި ސަބަބުތަކަށްޓަކައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ޢާއިލާތަކާ ޙަވާލު ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ކުރައްވާފައެވެ.

ޕީއެސް.އެމް ނިއުސްގެ "ހަފުތާ 104" މިޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ކަންކަން ބަލަހައްޓަން ތިބޭ ފަރާތްތަކަށް ގިނަ ތަމްރީންތަކެއް ދީފައިވާއިރު، ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައި ދިނުމަށްވެސް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

"ޢާއިލާތަކާއި ޙަވާލުކުރުމުގެ ފުރުސަތު އޮތްނަމަ ޢާއިލާތަކަށް އަދި އެފުރުސަތު ނެތްނަމަ، މުޖުތަމަޢުގެ ތެރެއިން އެކުދިން ފޮސްޓަރ ކުރަން އެހެން ނޫންނަމަ އެކުދިން ބަލަހައްޓަން ތައްޔާރަށް މީހުން ތިބި ކަމަށްވާނަމަ އެގޮތަށް ހަވާލުކުރަން. އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ، ދުވަހަކަށްވުރެ ދުވަހެއް ރައްޔިތުން އެކަމަށް އެދެމުންދާ ކަމަށް. މިދިޔަ އަހަރު ރީ އިންޓަރގްރޭޓެޑް ކުރި ޢަދަދުގެ ޑަބަލް މިއަހަރު ކުރެވިއްޖެ." ވަޒީރު ވިދާޅުވިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ތެރެއިން 101 ކުދިން މިއަހަރު ޢާއިލާތަކާއި ހަވާލުކޮށްފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެއިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބަލަހައްޓާ މަރުކަޒުތަކުގައި ތިބި މުވައްޒަފުން ތަމްރީން ކުރުމާއި، ސެންޓަރުތަކުގެ ހިންގުން ހަރުދަނާ ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިކުދިންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީން ދިނުމަށް ކުރާ މަސައްކަތުގެ ދަށުން ޢުމުރުން 16 އަހަރުން މަތީގެ ކުދިންނަށް އެކި ޕްރޮގްރާމްތައް ހިނގަމުންދާ ކަމަށް ވަޒީރު ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

މީގެއިތުރުން ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން ސަލާމަތީ ބާރުތަކާއި ގުޅުމުގެ ފުރުސަތުވެސް މިކުދިންނަށް ފަހިވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެކުއްޖަކު ބޭނުން ދާއިރާއަކުން ކުރިއަށް ދިޔުމުގެ ފުރުސަތު އޮތް ކަމަށާއި، ބައެއް ކުދިން މޫދު ކުޅިވަރުތަކުގެ ދާއިރާއިން ކުރިއަށް ދިޔުމުގެ ޝައުޤުވެރިކަން ހުރުމާއެކު ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން އެމަސައްކަތް ކުރައްވަމުންދާ ކަމަށްވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.