އީޒެޕުގެ ހުރިހާ ޚިދުމަތެއް އެމްފައިސާ މެދުވެރިކޮށް ދޭ ގޮތަށް އުރީދޫއާއެކު ޕާޓްނަރޝިޕެއް ހަދައިފިއެވެ.
އުރީދޫ މޯލްޑިވްސްއާއި އީޒެޕްއާ ދެމެދު ހެދި މި ޕާޓްނަރޝިޕްގެ ދަށުން އީޒެޕްގެ ޚިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކުމުގެ މަގު ފަހިވެގެންދާނެ ކަމަށް އުރީދޫއިން ވިދާޅުވެއެވެ.
އުރީދޫ މޯލްޑިވްސް އަދި އީޒެޕްއާ ދެމެދު ހެދި މި ޕާޓްނަރޝިޕް ރަސްމީކޮށް އިއުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ޙުސައިން ނިޔާޒު ވިދާޅުވީ، މި ޕާޓްނަރޝިޕްގެ ދަށުން ޚިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް އަމާޒުކޮށް ބޮޑެތި ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
" އަޅުގަނޑުމެން މި ޕާޓްނަރޝިޕް ތެރޭގައި ވަރަށް ބޮޑެތި ޕްރޮމޯޝަންތައް ހިންގިގެންދާނެ. އީޒެޕްގެ ފަރާތުންވެސް އަޅުގަނޑުމެންނާ އެކީގައި ވަރަށް ބައިވަރު އެކްޓިވިޓީސްތައް ކުރިއަށް ހިންގިގެންދާނެ. އުއްމީދު ކުރަނީ، މި ޕާޓްނަރޝިޕަކީވެސް އަޅުގަނޑުމެންނަށް ދިވެހިންނަށް ދިވެހި ކަސްޓަމަރުންނަށް ދެވޭ ވަރަށް ބޮޑު ހަދިޔާއަކަށް ވެެގެންދާނެ". ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ، އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހި ކުންފުނިތަކާއި ގުޅިގެން ޚިދުމަތް ހޯދާ ފަރާތްތަކަށް އެންމެ އެކަށީގެންވާ ޚިދުމަތްތައް ދިނުމަށް ކަމަށެވެ. އެގޮތުން އީޒެޕްއާއެކު ޕާޓްނަރ ކުރެވުމަކީ އީޒެޕުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބޭނެ ފަސޭހައެއްކަން ނިޔާޒު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އީޒެޕުގެ ސީއީއޯ އަދި ސީ.އެފް.އޯ ޢަބްދުﷲ މިއުވާން ޝަރީފް ވިދާޅުވީ، މި ޕާޓްނަރޝިޕްގެ ސަބަބުން އާންމުކޮށް ބޭނުންކުރާ ހުރިހާ ސާމާނެއް އެމްފައިސާ މެދުވެރިކޮށް ބަލައިގަނެވޭނެ ކަމަށެވެ.
" އަޅުގަނޑުމެންގެ އީޒެޕްއާ އިންޓަރގްރޭޓްކުރާ ހިސާބުން އެމްފައިސާ ބޭނުންކޮށްގެން ކާ އެއްޗިއްސަށާއި ގްރޮޝަރީސްއަށާއި، މޭވާއާއި ތަރުކާރީ މިހާރު ބަލައިގަނެވޭނެ. އެމްފައިސާ ވާނީ، ހަމަ ގޭޓްވޭއަކަށް ތިބޭފުޅުން ބޭނުންވާ އެއްޗެއް ބައްލަވައިގަންނަވަން".
މީގެއިތުރުން މި ރަސްމިއްޔާތުގެ ތެރެއިން މިޢުވާން ވަނީ، އީޒެޕްއިން މިހާތަނަށް ކުރި ވިޔަފާރި ދަތުރުގެ ތަޖުރިބާތައް ޚިއްސާކޮށްފައެވެ.
އުރީދޫއަކީ، ރާއްޖެ ކުރިއެރުވުމަށް ބޮޑެތި ބަދަލުތަކެއް ގެނައި ކުންފުންޏެއްކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ، އީޒެޕްއާއި އުރީދޫއާ ގުޅިގެން ކުރާ މިމަސައްކަތުގެ ސަބަބުން ދެ ކުންފުނީގެ ޚިދުމަތް ހޯދާ ފަރާތްތަކަށްވެސް ފަސޭހަތަކެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އުރީދޫ މޯލްޑިވްސްއާއި އީޒެޕްގެ ޕާޓްނަރޝިޕާއެކު ޑިސެމްބަރު 1 އިން ފެށިގެން އުރީދޫ ފިންޓެކްގެ ޑިޖިޓަލް ވޮލެޓް އެމްފައިސާ މެދުވެރިކޮށް އީޒެޕްގެ ފައިސާގެ މުޢާމަލާތްތައް ކުރިއަށް ގެންދެވޭނެ ކަމަށްވެސް އުރީދޫއިން ވިދާޅުވެއެވެ.
އުރީދޫ އެމް-ފައިސާ މެދުވެރިކޮށް މިހާރުވެސް ބައެއް ކެފޭ، ގެސްޓްހައުސް އަދި ބައެއް ފިހާރަތަކަށްވެސް ފައިސާ ދެއްކެއެވެ.